"ފާފު އެވޯޑު" ގެ ނަމުގައި ފ.އަތޮޅު ކައުންސިލުން އެވޯޑެއް ދިނުމުގެ ސިޔާސަތު ޢާންމު ކޮށްފި

16 ޖަނަވަރީ 2018


"ފާފު އެވޯޑު" ގެ ނަމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އެވޯޑެއް ދިނުމުގެ ސިޔާސަތު އެކުލަވާލައި މިއަދު ޢާންމު ކޮށްފިއެވެ. މި އެވޯޑަކީ ތަފާތު އެކިއެކި ދާއިރާތަކުން ފ.އަތޮޅަށް ޚިދުމަތް ކުރައްވާ ފައިވާ ފަރާތްތަކަށާއި، ފަޚުރުވެރި ވަނަތައް ހޯއްދަވާ ފައިވާ، ފ.އަތޮޅުގައި ދިރިއުޅޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭ އެވޯޑެކެވެ.

މައިގަނޑު 07 ދާއިރާގެ މައްޗަށް އެކުލެވޭގޮތަށް މިފަދަ އެވޯޑެއް ދިނުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގައާއި، އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި ފާހަގަކުރެވޭ ފ.އަތޮޅުގެ ޝަރަފް ވެރިންނާއި ޚިދުމަތް ތެރިންގެ އަގު ވަޒަން ކުރުމާއި، ތަޢުލީމީ ގޮތުންނާއި ކުޅިވަރުގެ ރޮނގުން ޝަރަފްވެރި ވަނަތައް ފ.އަތޮޅަށް ހޯއްދަވާ ދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމާއި، އެންމެ ޚިދުމަތްތެރި ފ.އަތޮޅުގެ ރަށު ކައުންސިލްތަކާއި، ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކައް ކުރާ ކޮމެޓީތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ މެދުގައި ވާދަވެރި ރުޙެއް އުފެއްދުން ކަމުގައި މި އެވޯޑް ދިނުމަށް އެކުލަވާލި ސިޔާސަތުގައި ބުނެއެވެ.

އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު 7 ދާއިރާއަކީ:

1- ޝަރަފްވެރި ކަމުގެ އެވޯޑު

2- ހިތްވަރު ދިނުމުގެ އެވޯޑު

3- ކައުންސިލުން ދޭ ޚާއްޞަ އެވޯޑު

4- މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އެވޯޑު

5- ޚާއްޞަ ޚިދުމަތުގެ އެވޯޑު

6- އެންމެ ޚިދުމަތްތެރި ކުލަބު/ ޖަމްޢިއްޔާގެ އެވޯޑު

7- ހިންގުން ތެރިކަމުގެ އެވޯޑު