އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢީލްގެ ޝަރަފްގައި ވަދާޢީ ޙަފްލާއެއް ބާއްވައިފި

27 ސެޕްޓެންބަރ 2023


ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢީލްގެ ދައުރު ހަމަކުރައްވައި މާލެ ވަޑައިގަންނަވާތީ، މުޙައްމަދު ފަޔާޒު އިސްމާޢީލް މިއަތޮޅަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިސްނަގައިގެން ނިލަންދޫގައިހުރި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މުޙައްމަދު ފަޔާޒު އިސްމާޢީލުގެ ޝަރަފުގައި ވަދާޢީ ޙަފްލާއެއް 2023 އޮކްޓޯބަރ 26 ވަނަ ދުވަހުގެރޭ ފ. ނިލަންދޫ ގޮމަވަތީގައި ބާއްވައިފިއެވެ.

ފ. އަތޮޅު ޕޮލިސް ކޮމާންޑަރެއްގެ ގޮތުގައި މުޙައްމަދު ފަޔާޒު އިސްމާޢީލް ހުންނަވައިގެން މިއަތޮޅަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް މި ޙަފްލާގައި ދައްކާފައި ވެއެވެ. މީގެ އިތުރުން ނިލަންދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ ފަރާތުން މުޙައްމަދު ފަޔާޒު އިސްމާޢީލަށް ހަނދާނީ ފިލައެއް އަރުވާފައި ވެއެވެ. މިފިލައި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢީލްގެ ޝަރަފްގައި ބޭއްވި މިޙަފްލާގައި މުޙައްމަދު ފަޔާޒު އިސްމާޢީލް މިއަތޮޅަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް މުވައްސަސާތަކުން ޝުޢޫރު ފާޅުކޮށްފައި ވެއެވެ. މުވައްސަސާތަކުން ފާޅުކުރެއްވި ޝުޢޫރުގައި ކޮންމެ މުވައްސަސާއަކުންވެސް ޕޮލިހުންގެ އެހީތެރިކަމަށް އެދުނު ކޮންމެ ކަމެއްގައި ޕޮލިހުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމާއި، އަތޮޅު ކުރިއެރުވުމަށް ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމާއި ޚާއްޞަކޮށް އަތޮޅުގެ ރަށްރަށް ކުށުގެވެރިން ސަލާމަތް ކުރުމަށް ކުރެއްވި ގިނަގުނަ މަސައްކަތްތަކާއި، އެ މަސައްކަތްތަކުން ވަރަށް ބޮޑުކުރިއެރުމެއް ލިބިފައިވާކަން ފާހަގަ ކުރައްވައި މުވައްސަސާތަކުން މުޙައްމަދު ފަޔާޒު އިސްމާޢީލަށް ޝުކުރު ދަންނަވާފައި ވެއެވެ.

މި ޙަފްލާގައި ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢީލް ދެއްކެވި ވާހަކަ ފުޅުގައި، މިއަތޮޅުގެ ކަންކަން ރަގަނޅު ކުރުމަށްކުރި ދަތުރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުންނާއި، އަތޮޅުގެ ހުރިހާ ރަށެއްގެ މުވައްސަސާތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކުށުގެވެށިން ސަލާމަތްވެފައިވާ އަތޮޅަކަށް ހެދުމަށް ފައްޓަވާފައިވާ މަސައްކަތްތައް އަދި ނުނިމޭ ކަމަށާއި، ދެން ޙަވާލުވާ ކޮމާންޑަރަކުވެސް އެކަންތައްތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށާއި، އަތޮޅެއް ހިންގުމަށް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބުނު ފުރަތަމަ އަތޮޅަކީ ފ. އަތޮޅު ކަމާއި ފ. އަތޮޅުން ވަރަށް ގިނަގުނަ ތަޖްރިބާތަކެއް ލިބިފައިވާކަމަށް ވިދާޅުވެ ފުރުޞަތު ލިބިއްޖެނަމަ، އަދިވެސް މިއަތޮޅަށް ޚިދުމަތްކުރަން ބޭނުންވާކަމަށް މުޙައްމަދު ފަޔާޒު އިސްމާޢީލް ވިދާޅުވިއެވެ.

ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢީލަކީ މިއަތޮޅުގެ އަތޮޅު ކައުންސިލާއި، އަތޮޅުގެ ހުރިހާ މުވައްސަސާތަކާ ގާތްގުޅުމެއް ބާއްވައިގެން އަތޮޅުގެ ކުރިއެރުމަށް ވަރަށްގިނަ މަސައްކަތެއް ކުރެއްވި ބޭފުޅެކެވެ. ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނާއި ބެލެނިވެރިނާއި ޢާންމުކޮށް މުޅި އަތޮޅުގެ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވަރަށްގިނަ ޕްރޮގްރާމްތައް ހިންގަވައި، ޕޮލިހުންނާއި ރައްޔިތުންނާއި މެދު ގާތްގުޅުމެއް އުފައްދަވައި، އަތޮޅުގެ މުވައްސަސާތަކުން އެދުނު ކޮންމެ ކަމެއްގައި އެހީތެރިކަމާއި އެއްބާރުން ދެއްވައި، އެއްބައިވަންތަކަމާއި އިޖްތިމާޢީ ރޫޙު އާލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވުމުގެ އިތުރުން އަތޮޅުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް މިނޫންވެސް ކިތަންމެ ކަމެއް މުޙައްމަދު ފަޔާޒު އިސްމާޢީލްގެ ލީޑަރޝިޕްގެ ދަށުން ކުރައްވާފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ. މުޙައްމަދު ފަޔާޒު އިސްމާޢީލް ޕޮލިސް ކޮމާންޑަރެއްގެ ގޮތުގައި މިއަތޮޅުގައި 02 އަހަރުދުވަސް ހޭދަ ކުރައްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނިލަންދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މުޙައްމަދު ފާޔާޒު އިސްމާއީލްގެ ޝަރަފްގައި ނިލަންދޫ ގޮމަވަތީގައި ފަރިއްކޮޅެއް ބާއްވާފައި ވެއެވެ.

މި ޙަފްލާގައި ނިލަންދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.