ފ. އަތޮޅު ޕޮލިސް ކޮމާންޑަރ ފ. އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި ބައްދަލު ކުރައްވައިފި

03 އޮކްޓޫބަރު 2023


ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢީލްގެ ދައުރު ހަމަކުރައްވައި މާލެ ވަޑައިގަންނަވާތީ، މުޙައްމަދު ފަޔާޒު އިސްމާޢީލާއި، ފ. އަތޮޅު ޕޮލިސް ކޮމާންޑަރަކަށް އަލަށް ހަމަޖެއްސެވި އަޙްމަދު ޔައުޤޫބް ތަޢާރަފް ވުމުގެ ގޮތުން ދެ ބޭފުޅުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ވެރިންނާއި ބައްދަލު ކުރުން މިއަދު (03 އޮކްޓޯބަރ 2023 ދުވަހު) ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ.

މި ބައްދަލު ވުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، އަތޮޅުކައުންސިލްގެ މެންބަރ ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި، އަތޮޅު ކައުންސިލްގެ އިދާރީ ވެރިން ބައިވެރިވެފައި ވެއެވެ.

މިބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ފ. އަތޮޅު ޕޮލިސް ކޮމާންޑަރެއްގެ ގޮތުގައި މުޙައްމަދު ފަޔާޒު އިސްމާޢީލް ހުންނަވައިގެން މިއަތޮޅަށް ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތައް ފާހަގަ ކުރައްވައި މުޙައްމަދު ފަޔާޒު އިސްމާޢީލަށް ޝުކުރު އަދާކުރެއްވިއެވެ. އަތޮޅު ކައުންސިލާއި، އަތޮޅުގެ މުވައްސަސާތަކާ ގުޅިގެން އަތޮޅު ރައްޔިތުން ބަލައިގަންނަ މުހިންމު މަސައްކަތްތަކެއް ފުލުންގެ މުވައްސަސާއިން ކޮށްދެއްވާފައިވާ ކަމަށާއި، ރައްޔިތުންނާއި ފުލުހުންނާ ދެމެދު ގާތްގުޅުމެއް އުފެދިފައިވާ ކަމަށާއި، އަތޮޅުގެ ރަށްރަށުގައި ކުރިއަށްވުރެ ކުށްކުރުންވެސް މަދުވެފައިވާކަން ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރައްވައި އަލަށް ޙަވާލުވާ ކޮމާންޑަރުގެ ފަރާތުންވެސް ފުރިހަމަ އެހީތެރިކަމާ އެއްބާރުން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މުވައްސަސާއާއި އަލަށް ޙަވާލުވެލެއްވި ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔައުޤުބު ދެއްކެވި ވާހަކަ ފުޅުގައި، މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް ތަކާއި ބައްދަލުކޮށްފި ކަމާއި، މި ބައްދަލުވުން ތަކުގައި ފާހަގަކުރި މުހިންމު މައްސަލަތަކުގެ ތެރޭގައި މަސްތުވާ ތަކެއްޗާއި، ކުޑަކުދިންގެ މައްސަލަތައް ހިމެނޭ ކަމަށާއި، އަތޮޅުގެ ކަންކަން ރަގަނޅު ކުރުމަށް އަތޮޅު ކައުންސިލާއި އަތޮޅުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، އަތޮޅުގެ މުވައްސަސާތަކުން އެދޭ ކަންކަމުގައި ފުލުހުންގެ ފަރާތުން ދެވެންއޮތް އެއްބާރުލުމެއް ދެއްވާނެކަމާއި، ހުރިހާ ފަރާތެއްގެ އެހީތެރިކަމާ އެއްބާރުލުން ދެއްވުމަށް ވިދާޅުވިއެވެ.