ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ ފައިނަލްގައި ވާދަކުރާ ސްކޫލްތައް ކަށަވަރު ވެއްޖެ

12 އޮކްޓޫބަރު 2023


ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ މެދުގައި ކުރިއަށް ގެންދާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތާއި، ފުޓްސަލް މުބާރާތުގެ ލީގުގައި ކުޅެންޖެހޭ އެންމެފަހު ދުވަހުގެ މެޗުތައް މިއަދު ކުޅުމުން މި ކުޅިވަރު މުބާރާތުގައި ފައިނަލްގައި ވާދަކުރާ ސްކޫލްތައް ކަށަވަރު ވެއްޖެއެވެ.

2023 އޮކްޓޫބަރު 08 އިން 13 އަށް މިއަތޮޅު ބިލެއްދޫގައި ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ފ. އަތޮޅު މަދަރުސާގެ އަންހެންޓީމާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން ޓީމެވެ. ފުޓްސަލް މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ފ. އަތޮޅު މަދަރުސާގެ ފިރިހެން ޓީމާއި، ފ. ދަރަނބޫދޫ ސްކޫލްގެ ފިރިހެން ޓީމެވެ.

ފ. އަތޮޅު މަދަރުސާގެ ހޭންޑްބޯލް ޓީމު ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ 12 ޕޮއިންޓު ހޯދައިގެންނެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޭންޑްބޯލް ޓީމު ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން ބަލިވެ 01 މެޗުން އެއްވަރުވެ 07 ޕޮއިންޓް ހޯދައިގެންނެވެ. މަގޫދޫ ސްކޫލަށް 05 ޕޮއިންޓް ލިބިފައިވާއިރު ބިލެއްދޫ ސްކޫލަށް ލިބިފައިވަނީ 04 ޕޮއިންޓެވެ. ދަރަނބޫދޫ ސްކޫލަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ފ. އަތޮޅު މަދަރުސާގެ ފުޓްސަލް ޓީމު ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން އެއްވަރުވެ 01 މެޗުން ބަލިވެ 09 ޕޮއިންޓު ހޯދައިގެންނެވެ. ފ. ދަރަނބޫދޫ ސްކޫލްގެ ފުޓްސަލް ޓީމު ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން އެއްވަރުވެ 01 މެޗުން ބަލިވެ 07 ޕޮއިންޓް ހޯދައިގެންނެވެ. ބިލެއްދޫ ސްކޫލްގެ ޓީމަށްވެސް 07 ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ކުރިއަށް ގޮސްފައިވަނީ ދަރަނބޫދޫ ސްކޫލްގެ ޓީމެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް 06 ޕޮއިންޓް ލިބިފައިވާއިރު، މަގޫދޫ ސްކޫލަކަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ކުޅިވަރު މުބާރާތުގެ ފައިނަލް މެޗްތައް އޮންނާނީ 2023 އޮކްޓޫބަރު 13 ވާ ހުކުރު ދުވަހު ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ. ހަވީރު 16.15 ގައި ކުޅޭނީ ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗެވެ. ރޭގަނޑު 20.15 ގައި ކުޅޭނީ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗެވެ. ކޮންމެ މުބަރާތެއްގެ ފައިނަލް މެޗު ނިމުމުން ޗެންޕިއަންޓީމަށާއި، ރަނަރަޕް ޓީމަށް ދޭ ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމާއި ހަނދާނީލިއުން ދިނުމާއި އަދި މޮޅު ކުޅުންތެރިންނަށް ހޮވޭ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިއުން ދިނުން އޮންނާނެއެވެ. ފައިނަލް މެޗުތައް ބިލެއްދޫ ފުޓްސަލް ދަނޑުން ފޭސްބުކް މެދުވެރިކޮށް ދަނިއުސްއިން ވަގުތުން ލައިވް ކުރަމުން ގެންދާނެއެވެ.

މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލާއި، ފުޓްސަލް މުބާރާތުގެ ޗެންޕިއަން ކޮންމެ ޓީމަކަށް -/10000 ރުފިޔާ، ރަނަރަޕް ކޮންމެ ޓީމަކަށް -/7000 ރުފިޔާގެ ފައިސާގެ އިނާމު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ދިނުމަށްވަނީ ނިންމާފައެވެ.