އަންނަ އާދިއްތަ ދުވަހުން ފެށިގެން "ބަނޑޭރި ޕޯޓަލް" ބޭނުން ކުރަން ފަށާގޮތަށް ފިނޭންސުން ހަމަޖައްސަވައިފި

18 ޖަނަވަރީ 2018


ބަޖެޓް ތަންފީޒު ކުރުމާއިގުޅޭ މުޢާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލުމަށް ފިނޭންސް މިނިސްޓްރީން ތަޢާރަފު ކޮށްފައިވާ "ބަނޑޭރި ޕޯޓަލް" އަންނަ އާދިއްތަ ދުވަސް ކަމުގައިވާ 21 ޖަނަވަރީ 2018 އިން ފެށިގެން ރަސްމީކޮށް ބޭނުން ކުރަން ފަށާގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭނުން ކުރަންފަށާ "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ބުނެފައިވާ ލިއުންތަކަށް އެމިނިސްޓްރީން ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އެޕޯޓަލް މެދުވެރިކޮށް އެމިނިސްޓްރީއަށް ފޮނުވާ ލިއުންތަކަށް ކަމަށާއި، އެހެންކަމުން "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް ފޮނުވުމަށް ބުނެފައިވާ ލިއުންތައް އެޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް މިކަމާގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ސާރކިއުލާގައި ބުނެފައިވެއެވެ.

"ބަނޑޭރި ޕޯޓަލް" ބޭނުން ކުރަން ފެށުމުން މި ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާއެކު ކުރެވެމުންދާ މުއާމަލާތްތައް އަވަސްކުރެވި ޖުމްލަކޮށް މުޅި ދައުލަތުގެ މާލީ ނިޒާމުގެ ހިންގުން އަވަސްވެ، ހަރުދަނާވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، އެގޮތުން ކުރިއާ ޚިލާފަށް ބަޖެޓާ ގުޅޭގޮތުން ހުށަހެޅޭ ރިކުއެސްޓްތައް ފުރިހަމަ މަޢުލޫމާތާއެކު ޕޯޓަލް މެދުވެރިކޮށް އައުމުން އެކަމާމެދު ގޮތް ނިންމުމަށް ފަސޭހަވެ އަވަސްވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ބަނޑޭރި ޕޯޓަލް ބޭނުންކުރަން ފެށުމާއެކު، މިހާރު ފިނޭންސް މިނިސްޓްރީއާއެކު ބަދަލު ކުރެވެމުންދާ ލިޔެކިޔުންތައް، އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރެވިގެން ދިއުމުން ބޭނުންކުރެވޭ ކަރުދާސް އެތައް ގުނައެއް މަދުކުރެވި، ތިމާވެއްޓާ އަހުލުވެރި ނިޒާމެއް ގާއިމްވެގެންދާނެ ކަމުގައިވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މިޕޯޓަލް މެދުވެރިކޮށް ތިން ބާވަތެއްގެ ރިކުއެސްޓް އޮފީސްތަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ. އެއީ ބަޖެޓްގެ އެއް ކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކުރުމާއި، އެޑްވާސް ފަންޑުން ފައިސާ ހޯދުން ނުވަތަ ބަޖެޓް އިތުރުކުރުމުގެ އިތުރުން ޚިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ވަކި ފަރާތަކާއި ޙަވާލުކުރުމަށް އެދި ހުށަހަޅާ ރިކްއެސްޓް އެވެ. އަދި ހަމައެއާއި އެކު ދައުލަތުގެ ދަތުރުތައް އެއްވިއުގައަކުން ގުޅާލައި މެނޭޖްކޮށް ބެލެހެއްޓުމަށް ދަތުރުތަކުގެ ހުއްދަދިނުންވެސް މި ޕޯޓަލްއަށް ވަނީ ބަދަލު ކުރެވިފައެވެ.