ފ. އަތޮޅު އިންޓަރސްކޫލް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ފ. ދަރަނބޫދޫ ސްކޫލުން ހޯދައިފި

13 އޮކްޓޫބަރު 2023


ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ މެދުގައި ކުރިއަށް ގެންދާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފުރަތަމަ ޗެންޕިއަންކަން ފ. ދަރަނބޫދޫ ސްކޫލުން ހޯދައިފިއެވެ.

މިއަތޮޅު ބިލެއްދޫ ފުޓްސަލް ދަނޑުގައި 2023 އޮކްޓޫބަރު 08 ވަނަ ދުވަހުގެ ހަވީރު 20.15 ގައި ކުޅުނު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ފ. އަތޮޅު މަދަރުސާގެ ފިރިހެން ޓީމާއި، ފ. ދަރަނބޫދޫ ސްކޫލްގެ ފިރިހެން ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ފ. ދަރަނބޫދޫ ސްކޫލްގެ ޓީމު ކާމިޔާބު ކޮށްފައިވަނީ 03 ލަނޑު 01 ލަނޑުންނެވެ.

ފުޓްސަލް މުބަރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ މާއިޝްއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލް ކޮށްފައިވަނީ ފ. އަތޮޅު މަދަރުސާގެ ޓީމުގެ އަހްމަދު އަދުލާން އިބްރާހީމެވެ. މި މުބާރާތުގައި އެންމެގިނަ ގޯލްޖެހި ކުޅުންތެރިންގެ ގޮތުގައި ދެކުޅުން ތެރިން ހޮވިފައި ވެއެވެ. އެއީ ފ. އަތޮޅު މަދަރުސާގެ ޓީމުގެ ޒަހީން ޢަބްދުﷲ ރަފީޢުއާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމުގެ އިޔާޒު އަޙްމަދެވެ. ޒަހީން ޢަބްދުﷲ ރަފީޢު 05 ގޯލް ޖަހާފައިވާއިރު އިޔާޒު އަޙްމަދު 06 ގޯލް ޖަހާފައި ވެއެވެ.

ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ހޯދި ފ. ދަރަނބޫދޫ ސްކޫލްގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ މި މެޗުގެ ޝަރަފްވެރި މެހުމާނު ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބެވެ. ފުޓްސަލް މުބާރާތުގެ ރަނަރަޕް ޓީމަށް ހޮވުނު ފ. އަތޮޅު މަދަރުސާގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/7،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ފުޓްސަލް މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ބިލެއްދޫ ސްކޫލްގެ ފިރިހެން ޓީމެވެ. ފެއަރޕްލޭ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީ ލިއުން ހަވާލު ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ފުޓްސަލް މުބާރާތުގެ އެންމެމޮޅު 05 ކުޅުންތެރިންނަށާއި އެންމެ މޮޅު ކޯޗަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީ ލިއުން ހަވާލު ކޮށްދެއްވީ ބިލެއްދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަމީޒު ތައްފީޤެވެ.

ފުޓްސަލް މުބާރާތުގެ އެންމެމޮޅު ކުޅުންތެރިން

01- ރަޔާން ރިޔާޙް ފ. ދަރަނބޫދޫ ސްކޫލް

02- މުޙައްމަދު އާއިލް ފ. ބިލެއްދޫ ސްކޫލް

03- އަޙްމަދު އަލްސަން ޢަބްދުﷲ ވަޙީދު ފ. މަގޫދޫ ސްކޫލް

04- އަޙްމަދު އަދުލާން އިބްރާހީމް ފ. އަތޮޅު މަދަރުސާ

05- އިޔާޒު އަޙްމަދު ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ފުޓްސަލް ޗެންޕިއަންޓީމު: ފ. ދަރަނބޫދޫ ސްކޫލް
ފުޓްސަލް ރަނަރަޕްޓީމު: ފ. އަތޮޅު މަދަރުސާ
ފުޓްސަލް އެންމެމޮޅު 05 ކުޅުންތެރިން
ފުޓްސަލް ފެއަރޕްލޭޓީމު: ފ. ބިލެއްދޫ ސްކޫލް
އެންމެމޮޅު ކުޅުންތެރިޔާ: އަޙްމަދު އަދުލާން އިބްރާހީމް ފ. އަތޮޅު މަދަރުސާ
އެންމެމޮޅު ކޯޗު: އަޒުހާން ޚަލީލް ފ. ދަރަނބޫދޫ ސްކޫލް