ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

22 އޮކްޓޫބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ އިރުމަތީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް 2023 އޮކްޓޫބަރު 21 ވަނަ ދުވަހު ފަށައިފިއެވެ. ބަނދަރުގެ މަސައްކަތް ޢަމަލީގޮތުން ފެށުމުގެ ގޮތުން އިރުމަތީ ބަނދަރު ސަރަޙައްދުގައި ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. މިރަސްމިއްޔާތުގައި ނިލަންދޫގެ މުވައްސަސާތަކުގެ އިސްވެރިންނާއި އޮޑިވެރިން ބައިވެރިވެފައި ވެއެވެ.

ނިލަންދޫގައި މިހާރު ހަދާފައިވާ އިރުމަތީ ބަނދަރުގެ އިރުން ބަނދަރަށް ބައެއް އިތުރުކޮށްގެން އަޕްގްރޭޑްކުރާ މި ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ.

ނިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ޙަވާލުކުރީ 2023 މޭ 24 ވަނަ ދުވަހުއެވެ. ބަނދަރުގެ މަސައްކަތް ޙަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި އެތާރީޚްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް މުޙްސިނު ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދައުލަތުގެ ބަޖެޓުން 66.69 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޕްގްރޭޑްކުރާ މި ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ޙަވާލު ކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ބަނދަރުގައި ކުރަންޖެހޭ މަސައްކަތްތަކަކީ;

  • ރަށުގެ އިރު އުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކަށި
  • 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް
  • 194 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓަ
  • 30 މީޓަރު ދިގުމިނުގެ ޓީޖެޓީ
  • 237 މީޓަރުގެ ކޮންކްރީޓް ކީވޯލް
  • 100 މީޓަރުގެ ކޮންކްރީޓް ޖެޓީ
  • ކޮންކްރީޓް ރޭމްޕް
  • ގޮނޑުދޮށް ހިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް
  • 5 މީޓަރު ފުޅާ ޕޭވްމަންޓް
  • ބަނދަރު ބައްތި
  • އެކްސެސް ޕްލެޓްފޯމް

މިއަތޮޅު ނިލަންދޫއަކީ މިހާރު ބަނދަރުގެ ގޮތުން ދަތި ރަށެކެވެ. ވެރިކަންކުރާ ރަށްކަމަށްވުމުން އެކިއެކި ބޭނުންތަކުގައި ގިނަބަޔަކު ނިލަންދޫއަށް އާދެއެވެ. ރަށުގެ އިރުމަތީ ކޮޅުގައި ހަނދާފައިވާ ބަނދަރު ކުޑަކަމުން ލަފާ ފުރާމީހުންނަށް ވަރަށް ބޮޑަށް ދަތިވެއެވެ. މި ބަނދަރު ކުޑަކަމުން ލަފާ ފުރުމަށް ދަތިވާތީ 2000 ވަނަ އަހަރުގެ ތެރޭގައި ރަށުގެ ހުޅަނގު އުތުރު ފަރާތުގައި 800 ފޫޓްގެ ބަނދަރެއް ހަނދައި ބޭނުންކުރަން ފެށިއެވެ. ނަމަވެސް އެ ބަނދަރު ބޭނުންކުރަން ފެށިތާ މާގިނަ ދުވަސްތަކެއްނުވެ ބަނދަރުގެ އެއްގަމު ތޮއްޓާއި ބޭރުތޮށި އެއްކޮށް ހަލާކުވެ ބަނދަރު ބޭނުން ނުކުރެވުމުގެ ސަބަބުން 2016 ވަނައަހަރު ނިލަންދޫގެ ބިން ހިއްކުމުގެ ތެރޭގައި އެ ބަނދަރުވަނީ ބައްދާލާފައެވެ. ނިލަންދުއަށް ކުރިމަތި ވެފައިވާ ބަނދަރުގެ ދަތިކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަށުގެ ހުޅަނގު އުތުރު ފަރާތުގައި ބަނދަރެއް ހެދުމުގެ މަސައްކަތް ފެށިއެވެ. ބަނދަރުގެ އެއްގަމުތޮށިލައި ބޭރުތޮށި ނުލާ އޮތުމުގެ ސަބަބުން ބަނދަރު އެއްގޮތަކަށްވެސް ބޭނުމެއް ނުކުރެވެއެވެ. ވައިގަދަ ވެއްޖެނަމަ، ބަނދަރުތެރެ ގަދަކަމުން އޮޑިދޯނި ފަހަރު އަޅާފައެއް ނުބޭއްވެއެވެ. މިބަނދަރުގެ ބޭރުތޮށި ލުމަށް ކުރަންޖެހޭ ޚަރަދުބޮޑުކަމުން އެބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ހުއްޓާލައި، ރަށުގެ އިރުމަތީ ކޮޅުގައި މިހާރު ހަދާފައިވާ ބަނދަރާ ގުޅުވައިގެން އިރުމަތީކޮޅަށް ބަނދަރު ބޮޑުކޮށް ރަގަނޅު ފެންވަރަކަށް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މި ބަނދަރު ހެދުމުން ނިލަންދޫއަށް މިހާރު ދިމާވެފައިވާ ބަނދަރުގެ ދަތިކަން ޙައްލުވެގެން ދާނެއެވެ.