ފ.އަތޮޅު ކައުންސިލްގެ ރެކްރިއޭޝަން ކުލަބުން އަދަބީ ފޯވަހީގެ ނަމުގައި މުބާރާތެއް ބާއްވައިފި

26 އޮކްޓޫބަރ 2017

ފ.އަތޮޅު ކައުންސިލްގެ ރެކްރިއޭޝަން ކުލަބު "އެއްބައިވަންތަ ކަމުގެ ރޫޙްގެ" ގެ ފަރާތުން ފޭސަ އަދަބީ ފޯވަހި 2017 ގެ ނަމުގައި ނިލަންދޫގައިހުރި ސަރުކާރާއި، ރައްޔިތުންގެ މުވައްސަސާ ތަކަށް ހުޅުވާލައިގެން 2017 އޮކްޓޫބަރ މަހުގެ 26 އިން 28 އަށް އަދަބީ މުބާރާތެއް ބާއްވައިފިއެވެ. މި އަދަބީ މުބާރާތުގައި ހިމެނެނީ މަދަޙަ ކިއުމާއި، ރައިވަރު ކިއުމާއި، ބައިތުބާޒީ އެވެ.

މިމުބާރާތުގެ މަޤްޞަދަކީ މުވައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމް ކުރުމާއި، ނިލަންދޫގައި އުވެމުން އަދި ނެތެމުންދާ އަދަބީ ކަންކަން ދިރުވައި އާލާ ކުރުމެވެ.

މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ 26 އޮކްޓޫބަރ 2017 ވަނަ ދުވަހުރޭ 8.15 ގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި މުބާރާތުގެ ޝަރަފްވެރި މެހުމާނަކީ ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ. މި މުބާރާތް ހުޅުއްވައި ދެއްވަމުން ޝަރަފްވެރި މެހުމާން އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަ ފުޅުގައި އަތޮޅުކައުންސިލްގެ މުވައްޒަފުން އިސް ނަގައިގެން ބާއްވާ މި މުބާރާތަކީ ވަރަށް ރަގަނޅު މުބާރާތެއް ކަމަށާއި، މި މުބާރާތުގެ ސަބަބުން ނެތެމުންދާ އަދި އުވިގެންދާ ކަންކައްތަކަށް ދިރުވައި އާލާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މުބާރާތް ބާއްވާއިރު، އިތުރު އެހެން ކަންތައްތައް ހިމަނައިގެން މުބާރާތް ބޭއްވުމަށާއި، މި މުބާރާތުގައި ނިލަންދޫގައިހުރި ހުރިހާ މުވައްސަސާތަކުން ބައިވެރި ވުމަށް އެދިލެއްވިއެވެ.

މިމުބާރާތުގައި ބައިވެރި ވެފައިވަނީ 03 މުވައްސަސާއިންނެވެ. އެއީ، ފ.އަތޮޅު ހޮސްޕިޓަލް، ފ.ނިލަންދޫ ކައުންސިލްގެ އިދާރާ އަދި ޒުވާނުންގެ މަރުކަޒުންނެވެ. މި މުބާރާތުގައި ވަނަވައަށް ދިޔަ މުވައްސަސާތައް ތިރީގައި އެވަނީއެވެ.

ބައިތުބާޒީ

01 ވަނަ މުވައްސަސާ: ފ.ނިލަންދޫ ކައުންސިލްގެ އިދާރާ

02 ވަނަ މުވައްސަސާ: ފ.އަތޮޅު ހޮސްޕިޓަލް

ރައިވަރު ކިއުން

01 ވަނަ މުވައްސަސާ: ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒު

02 ވަނަ މުވައްސަސާ: ފ.ނިލަންދޫ ކައުންސިލްގެ އިދާރާ

03 ވަނަ މުވައްސަސާ: ފ.އަތޮޅު ހޮސްޕިޓަލް

މަދަޙަ ކިއުން

01 ވަނަ މުވައްސަސާ: ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒު

02 ވަނަ މުވައްސަސާ: ފ.އަތޮޅު ހޮސްޕިޓަލް

03 ވަނަ މުވައްސަސާ: ފ.ނިލަންދޫ ކައުންސިލްގެ އިދާރާ