އަންނަ ފެބްރުވަރީ މަހުން ފެށިގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މަސައްކަތް ކުރަނީ
އަންނަ ފެބުރުވަރީ މަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށާއި، ބޮޑުކުރި މުސާރަ ފެބްރުވަރީމަހު މުވައްޒަފުންނަށް ދިނުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމުމާ ގުޅޭގޮތުން ޗެނަލް 13 އަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައެވެ.
ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ގޮތްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތްތަކެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ސަރުކާރަށް 04 އަހަރު ފުރުން ފާހަގަ ކުރުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ވާހަކަފުޅު ދައްކަވަމުން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، މިއަހަރު ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށާއި، ސިވިލްސާވިސް އެންމެ ދަށްފަންތީގެ މުވައްޒަފުންގެ މުސާރަ %37 އަށް ބޮޑުވެގެންދާނެ ކަމަށާއި، ދެންތިބި މުވައްޒަފުންނަށް %25 ބޮޑުވެގެން ދާނެ ކަމަށާއި، ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާވަނީ ހިމަނާފައެވެ.