2024 ވަނައަހަރު މިއަތޮޅުގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި

24 ޖަނަވަރީ 2024ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ ޕްރޮގްރާމްގެ ދަށުން 2024 ވަނަ އަހަރު މިއަތޮޅުގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަހަރުގެ މޮނިޓަރިންގެ މަސައްކަތްފެށި ފުރަތަމަ ކައުންސިލަކީ މިއަތޮޅު ދަރަނބޫދޫ ކައުންސިލެވެ. މި ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2024 ޖަނަވަރީ 24 ވަނަ ދުވަހުގެރޭ 20.30 ގައެވެ.

ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމަށް އެކުލަވާލި މޮނިޓަރިންގ ޓީމުގެ އިސް ބޭފުޅަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފެވެ. އިބްރާހީމް ޝަރީފްގެ އިތުރުން މޮނިޓަރިންގ ޓީމުގައި ހިމެނެނީ އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދާއި، ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީއާއި، ޢާއިޝަތު ޢިބާދާއެވެ.

2024 ވަނަ އަހަރުގެ މޮނިޓަރިންގެ މަސައްކަތްތައް ބެލުމުގައި ކުރިއަށް ގެންދާނީ 2023 ވަނަ އަހަރުގެ މަސައްކަތްތަކެވެ. މޮނިޓަރިންގެ މަސައްކަތުގެ ތެރެއިން ބަލާ ކަންތައްތަކުގެ ތެރޭގައި ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރަމުންގެންދާ މިންވަރު ބެލުމާއި ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައްތަކާއި އިދާރީ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގެންގޮސްފައިވޭތޯ ބެލުން ހިމެނެއެވެ.

ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދު އެ ކައުންސިލަށް ޒިޔާރަތްކޮށް މޮނިޓަރިންގެ މަސައްކަތްތައް ކުރަމުން ގެންދާގޮތް ބައްލަވަމުން ގެންދަވާފައި ވެއެވެ.