ގެސްޓު ހައުސް ރޭނުމަށް ގައު އެޅުމުގެ މަސައްކަތް ކައުންސިލްގެ އިދާރާގެ މުވައްޒަފުން ކޮށްފި

31 ޖަނަވަރީ 2018


ސްޓޭޓް ހައުސް ގޯތީގައި މުވައްޒަފުން ގައު އެޅުމުގެ މަސައްކަތް ކުރަނީ

ފ.އަތޮޅު ސްޓޭޓް ހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓް ހައުސް ރޭނުމަށް ގައު އެޅުމުގެ މަސައްކަތް ފ.އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުން މިއަދު ކޮށްފިއެވެ. މި މަސައްކަތުގައި އަތޮޅު ކައުންސިލްގެ އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ. ގައު އެޅުމަށް މިއަދު މުވައްޒަފުންކުރި މަސައްކަތުން 1050 ގައު އެޅިފައި ވެއެވެ.

ފ.އަތޮޅު ސްޓޭޓްހައުސް ގޯތީގައިއޮތް ހުސްބިމުގައި ޢިމާރާތްކުރާ ގެސްޓް ހައުސް ޢިމާރާތަކީ އަތޮޅު ރައްޔިތުންނަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި އަތޮޅު ކައުންސިލުން ނިންމައިގެން ކުރަމުން ގެންދާ 2 ކޮޓަރީގެ 8 ބުލޮކުގެ ޢިމާރާތެކެވެ. ޖުމްލަ 16 ކޮޓަރި ހިމެނޭގޮތަށް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ރޭވިފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ.


ސްޓޭޓް ހައުސް ގޯތީގައި މުވައްޒަފުން ގައު އެޅުމުގެ މަސައްކަތް ކުރަނީ

އެގޮތުން ފުރަތަމަ ފޭހުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ކޮޓަރީގެ 4 ބުލޮކުގެ ތެރެއިން 2 ކޮޓަރީގެ 2 ބުލޮކުގެ ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައި ފުރަތަމަ ބުލޮކުގެ ޕައުންޑޭޝަން އަޅައި ތަބުތައްޖަހައި، ދެވަނަ ބުލޮކުގެ ޕައުންޑޭޝަންވަނީ އަޅާފައެވެ. ގެސްޓްހައުސް ޢިމާރާތް ކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދަނީނަމަ، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މި ދެ ބުލޮކު ރާނައި ހިޔާކޮށް ސިމެންތި ޖަހައި ނިންމާލެވޭނެ ކަމުގައި އަތޮޅުކައުންސިލުން މަޢުލުމާތު ދެއެވެ.

ފ.އަތޮޅު ސްޓޭޓްހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓް ހައުސް ޢިމާރާތުގެ މަސައްކަތް އެސްޓިމޭޓް އުޞޫލުން ކޮށްދޭނޭ ފަރާތެއް ހޯދުމަށް ދެފަހަރު އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުގެ ސަބަބުން މި ޢިމާރާތުގެ މަސައްކަތް ކުރަނީ އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންނެވެ. މުވައްޒަފުން މަސައްކަތް ކުރަނީ އެއްވެސް އަގަކާ ނުލައި ހިލޭ ސާބަހަށެވެ.