ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިޚާބު ކޮށްފި

12 ފެބްރުވަރީ 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސްގެ މަޤާމުގައި ފ. ނިލަންދޫ ބުލްބުލާގޭ ޢަލީ މުޙައްމަދު 2023 ޑިސެންބަރު 17 ވަނަ ދުވަހު ރައީސްކަމުން އިސްތިޢުފާ ދެއްވާފައިވާތީ، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސަކަށް ބޭފުޅަކު އިންތިޚާބު ކުރުމަށް 2024 ފެބްރުވަރީ 10 ވީ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވެފައިވަނީ ފ. ނިލަންދޫ ފޮނިލުނބޯގޭ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

މި އިންތިޚާބުގައި ޙައްވާ ޢަބްދުލް ޢަޒީޒަށް 941 ވޯޓް (%51.45) ލިބިފައިވާއިރު، ޙައްވާ ޢަބްދުލް ޢަޒީޒާއި ވާދަކުރެއްވި ފ. ނިލަންދޫ ޢަޒުމް އިބްރާހީމް ޚަލީލަށް ލިބިފައިވަނީ 888 ވޯޓް (%48.55) އެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 4385 މީހުން ތިބިއިރު ވޯޓްލާފައިވަނީ 1881 މީހުންނެވެ. ވޯޓްލީމީހުންގެ އިންސައްތައަކީ %42.90 އެވެ. މިއިންތިޚާބުގައި ޙައްވާ ޢަބްދުލް ޢަޒީޒު ވާދަކޮށްފައިވަނީ ކޮންގްރެސް ޕާޓީންނެވެ. އިބްރާހީމް ޚަލީލު ވާދަކޮށްފައިވަނީ އެމް.ޑީ.ޕީންނެވެ.

މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވައި އަތޮޅު ކައުންސިލްގެ ރައީސަކަށް ޙައްވާ ޢަބްދުލް ޢަޒީޒު އިންތިޚާބު ވެފައިވާތީ، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހުރިހާ މުވައްޒަފުންގެ ފަރާތުން ޙައްވާ ޢަބްދުލް ޢަޒީޒަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވި ޙައްވާ ޢަބްދުލް ޢަޒީޒް މީގެކުރިން ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ސީނިއަރކައުންސިލް އޮފިސަރގެ މަޤާމުގައެވެ.

ފުރަތަމަ ފަހަރަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިޚާބު ވެގެންދިއުމަކީ ނިލަންދެއަތޮޅު އުތުރުބުރީގެ ތާރީޚްގައި ފާހަގަ ކޮށްލެވޭ ކަމެކެވެ. އަތޮޅުވެރިކަންކުރި ދިގު މުއްދަތުގެ ތެރޭގައިވެސް އަންހެން ބޭފުޅަކު މިއަތޮޅުގެ އަތޮޅުވެރިކަމަށް އިސްކޮށްފައެއް ނުވެއެވެ. ލާމަރުކަޒީގެ ތާރީޚަށް ބަލާއިރުވެސް އަންހެން ބޭފުޅަކު މީގެކުރިން އަތޮޅު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވާކަމެއް އެނގިފައެއް ނުވެއެވެ.