އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

27 ފެބްރުވަރީ 2024ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. މިމަޤާމަށް ހަމަޖައްސާފައިވަނީ ނިލަންދެއަތޮޅު އިތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރުގެ މަޤާމުގައި ހުންނެވި ފ. ނިލަންދޫ ބަގީޗާގޭ ޝަޒީލާ މޫސާއެވެ. ޝަޒީލާ މޫސާ މި މަޤާމަށް ހަމަޖައްސާފައިވަނީ 2024 ފެބްރުވަރީ 25 ވަނަ ދުވަހުއެވެ.

ޝަޒީލާ މޫސާއަށް މަރުޙަބާކިއުން އޮތީ 2024 ފެބްރުވަރީ 27 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޝަޒީލާ މޫސާއަށް މަރުޙަބާ ކިއުމުގެ ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއި، އިދާރީ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ޝަޒީލާ މޫސާގެ ޝަރަފްގައި ތައްޔާރު ކުރި ސައިފޮދެއް ފ. އަތޮޅު ސްޓޭޓްހައުސްގައި ބާއްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި އިދާރީ ވެރިންގެ ގޮތުގައި މިހާރު 07 ބޭފުޅުން މަސައްކަތް ކުރައްވައެވެ. އެއީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި 01 ، ސީނިއަރ ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި 01 ، ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި 01 އަދި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި 04 ބޭފުޅުންނެވެ.

ޝަޒީލާ މޫސާ ކުރަންޖެހޭ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލާއި، ރަށުކައުންސިލް ތަކުގެ މުވައްޒަފުން ތަމްރީނުކުރުމާއި، ތަމްރީނާގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމެވެ.