ރީޖަނަލް ކޮމާންޑަރ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ވެރިންނާއި ބައްދަލުކޮށްފި

18 މާރިޗު 2024ސައުތު ސެންޓަރ ޕޮލިސް ރީޖަނަލް ކޮމާންޑަރ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާނު މިއަދު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސާއި، ކައުންސިލްގެ ވެރިންނާއި ބައްދަލު ކޮށްފިއެވެ. މި ބައްދަލު ވުމުގައި ރީޖަނަލް ކޮމާންޑަރާއެކު ނިލަންދެއަތޮޅު އުތުރުބުރީ ޕޮލިސްޓްރޭޝަންގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.

ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާން އަތޮޅު ކައުންސިލްގެ ވެރިންނާއެކު ބޭއްވި މި ބައްދަލުވުމަކީ ސައުތު ސެންޓަރގެ ކޮމާންޑަރަކަށް ހަމަޖެހުމުން ނިލަންދެއަތޮޅު އުތުރުބުރިއަށް ކުރި ދަތުރުގައި އަތޮޅު ކައުންސިލްގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމެކެވެ. މި ދަތުރުގައި ރީޖަނަލް ކޮމާންޑަރ މިއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ރަށުކައުންސިލްތަކާ ބައްދަލު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ރީޖަނަލް ކޮމާންޑަރ ދެއްކެވި ވާހަކަ ފުޅުގައި މި ރީޖަންގައި މަސައްކަތްކުރާ މުއްދަތުގައި ރީޖަނަލް ކޮމާންޑަރަށާއި، ނިލަންދެއަތޮޅު އުތުރުބުރީގައި މަސައްކަތްކުރައްވާ ފުލުހުންނަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އެއްބާރުލުން ދެއްވައި މަސައްކަތްތަކުގައި ދެވެންހުރި އެހީތެރިކަމެއް ދިނުމަށް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ރީޖަނަލް ކޮމާންޑަރަށް ދެންނެވި ކަންތައްތަކުގެ ތެރޭގައި ނިލަންދޫގައި ފުލުހުންގެ މަރުކަޒެއް ޤާއިމް ކުރުމަށް ބިމެއް ފާހަގަ ކޮށްފައިވާތާ އެތަކެއް އަހަރުވެފައިވާއިރު އެ ބިމުގައި ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ނުގެންދާތީ އެބިމުގައި ފުލުހުންގެ މަރުކަޒެއް ޤާއިމްކޮށް ދެއްވައި ފުލުހުންގެ ކެޕޭސިޓީ މިހާރަށްވުރެ އިތުކޮށްދިނުން ހިމެނެއެވެ. އަދި އަތޮޅުގައި މަސްތުވާ ތަކެތީގެ މައްސަލަތައް ދުވަހުން ދުވަހަށް މަދުވަމުން ދިއުމާއެކު އެކަން އިތުރަށް ފުޅާވެގެން ދިޔަ ނުދިނުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދެއްވުމަށްވެސް ކޮމާންޑަރަށް ދަންނަވާފައި ވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި މިއަތޮޅު ޕޮލިސްސްޓޭޝަންގެ ވެރިން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅުގައި މަސްތުވާ ތަކެތި ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދާ ކަމަށާއި، މިއަތޮޅުގެ ބައެއް ރަށްރަށުން މަސްތުވާ ތަކެތި އެއްކޮށް ފުހެލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ރޭވި އެމަސައްކަތް ކުރެވެމުންދާކަމުގެ މަޢުލޫމާތު ދީފައި ވެއެވެ.