ފާފު ވޮލީ މުބާރާތް 2024 އިޢުލާނުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން 2024 ޖުލައި 01 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފާފު ވޮލީ މުބާރާތް 2024 އިޢުލާނުކޮށް، މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 2024 މޭ 09 ވަނަ ދުވަހުވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ވޮލީ މުބާރާތުގެ ނަމަކީ "ފާފު ވޮލީ މުބާރާތް 2024" އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިމުބާރާތް ހުޅުވާލެވިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީގެ ރަށު ކައުންސިލް ތަކަށެވެ. ކޮންމެ ކައުންސިލަކުންވެސް އަންހެންޓީމަކާއި، ފިރިހެންޓީމެއް ބައިވެރިކުރާގޮތަށް ހުޅުވާލި މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2024 މޭ 30 ވާ ބުރާސްފަތި ދުވަހުގެ 14.00 އެވެ.
ފާއިތުވި އަހަރުގެ ވޮލީ މުބާރާތުގައި ރާއްޖެއިންބޭރު ކުޅުންތެރިން ހިމަނައިގެން މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ކުޅުންތެރިން ނުހިމަނައެވެ.
މުބާރާތުގެ ޤަވާޢިދުގައިވާ ގޮތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ މިއަތޮޅުގެ ރަށެއްގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށާއި، މިއަތޮޅުގެ ރަށެއްގެ ރަޖިސްޓްރީގައިވާ ފަރާތަކާއި އިދެގެންއުޅޭ ބޭރުއަތޮޅު ތަކަށް ނިސްބަތްވާ ފަރާތްތަކާއި އެފަރާތަކުގެ ދަރިންނަށެވެ.
މުބާރާތް ބާއްވާ ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ މުބާރާތް ހޯސްޓްކުރުމަށް ފުރުޞަތު ހުޅުވާލުމުން ޕްރޮޕޯސަލް ހުށަހަޅާ ކައުންސިލްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ ރަށެއްގައެވެ.
ހުށަހަޅާ އެއްވެސް ޕްރޮޕޯސަލަކަށް %75 މާކްސް ލިބިފައި ނުވާނަމަ، މުބާރާތް ބާއްވާނެ ރަށެއް ނިންމާނީ ފ. އަތޮޅު ކައުންސިލުންނެވެ. ޕްރޮޕޯސަލް އަތޮޅުކައުންސިލަށް ހުށަހަޅަންޖެހޭ އެންމެފަހުގެ ތާރިޚަކީ 2024 މޭ 30 ވަނަދުވަހުގެ 13.00 އެވެ.
މިމުބާރާތުގައި އަންހެން، ފިރިހެން ޗެންޕިއަންޓީމަށް -/20000 ރުފިޔާ، ރަނަރަޕް ޓީމަށް -/10000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތް ހޯސްޓްކުރާ ރަށަކަށް ދިނުމަށް ހަމަޖެހިފައިވަނީ -/20000 ރުފިޔާއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2023 ވަނަ އަހަރު ކުރިއަށް ގެންދިޔަ ފުރަތަމަ ވޮލީ މުބާރާތުގައި ފ. ބިލެއްދޫ ފިޔަވައި އެހެން ކޮންމެ ރަށަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިވެފައި ވެއެވެ. މިމުބާރާތަކީ އަތޮޅުގެ ރައްޔިތުންގެ ތަރުޙީބު ވަރަށްބޮޑަށް ލިބިގެންދިޔަ، ވޮލީގެ ފޯރި ގަދަ މުބާރާތެކެވެ.