ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

01 ފެބުރުވަރީ 2018


ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް 31 ޖަނަވަރީ 2018 ގައި ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިމަޤާމަށް ހަމަޖެއްސެވީ ފ.ނިލަންދޫ ކެނެރީވިލާ އަލްފާޟިލް ޢަބްދުލް މުޢީދު ޢަބްދުއްރަޝީދެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ހަމަޖެއްސެވި ޢަބްދުލް މުޢީދު ޢަބްދުއްރަޝީދު މިއަދު އަތޮޅުކައުންސިލްގެ އިދާރާއަށް ނުކުމެވަޑައި ގަތުމުން ޢަބްދުލް މުޢީދު ޢަބްދުއްރަޝީދަށް މަރުޙަބާ ދެންނެވުމުގެ ފ.އަތޮޅު ކައުންސިލްގެ އިދާރާގައި ޙަފްލާއެއް ބޭއްވިއެވެ. މިޙަފްލާގައި ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަ ފުޅުގައި، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޢަބްދުލް މުޢީދު ޢަބްދުއްރަޝީދަކީ ތަޢުލީމީ ޒުވާން ބޭފުޅެއް ކަމަށް ވުމާއެކު، ޢަބްދުލް މުޢީދު ޢަބްދުއްރަޝީދުގެ ފަރާތުން މިއިދާރާގެ މަސައްކަތްތަކަށް އިތުރު ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.


ޢަބްދުލް މުޢީދު ޢަބްދުއްރަޝީދަށް މަރުޙަބާ ދެނެނެވުމުގެ ތެރެއިން

ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙުމާނު ދެއްކެވި ވާހަކަ ފުޅުގައި ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފަކު އަދާކުރައްވާ ވަޒީފާގެ މަސައްކަތްތައް ކުރެއްވުމުގައި މަސައްކަތްތަކުގެ ފެންވަރު ރަގަނޅުކޮށް އުފެއްދުން ތެރިކަމާއިއެކު މަސައްކަތްތައް ކުރައްވަމުން ގެންދެވުމަށާއި، ޙަވާލު ކުރެވޭ މަސައްކަތްތައް ވަގުތުގެ ތެރޭގައި ނިންމެވުމަށް ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރެއްވުމަށާއި، މިއަދު އޮފީހުގެ މަސައްކަތާއި ގުޅިވަޑައިގަތް ޢަބްދުލް މުޢީދު ޢަބްދުއްރަޝީދުގެ ފަރާތުންވެސް އޮފީހަށް ފައިދާކުރާނެ ކަންތައްތަކެއް ފެނިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޢަބްދުލް މުޢީދު ޢަބްދުއްރަޝީދަށް މަރުޙަބާ ކިއުމުގެ ޙަފްލާގައި ވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ. ޢަބްދުލް މުޢީދު ޢަބްދުއްރަޝީދަކީ ބެޗްލަރ އޮފް ކޮމާސް ހައްދަވާފައިވާ ތަޢުލީމީ ޒުވާން ބޭފުޅެކެވެ.