ގެވެށި އަނިޔާއާއި ކުށްމަދު ކުރުމާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

23 މޭ 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނޭ، ގެވެށި އަނިޔާއާއި ކުށްމަދު ކުރުމާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކޮންމެ ރަށެއްގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2024 މޭ 12 އަދި 13 މި ދެދުވަހުއެވެ.

މި ޕްރޮގްރާމަކީ ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ގެވެށި އަނިޔާއާއި ކުށްމަދުކޮށް، ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމް ކުރުމަށް ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މިއަހަރު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމެވެ.

މިއަހަރުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފާފު އަތޮޅު ޕޮލިސް ސްޓޭޝަނާއި، ފާފު ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި، ރަށްރަށުގެ ރަށުކައުންސިލްތަކާ ގުޅިގެން ފުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އެހީތެރިކަމާއެކުއެވެ. މި ޕްރޮގްރާމްގައި ގެވެށި އަނިޔާއާއި ކުށްމަދު ކުރުމުގެ މަޢުލޫމާތު ދެއްވާފައިވަނީ ފުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ބޭފުޅުންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ގެވެށި އަނިޔާއާއި ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުކުރުވުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ފުލުހުންނާއި ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތުގެ ތެރެއިން މިކަންކަމުގެ ހޭލުންތެރިކަން މީހުންނަށްލިބި، އަތޮޅުގައި ގެވެށި އަނިޔާއާއި، ކުށްކުރާމީހުން މަދުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.