ނިލަންދެއަތޮޅު އުތުރުބުރީގައި "ޕްލޭއިން ވިތް ކޮރަލްސް" ގެ ނަމުގައި ޚާއްޞަ ޕްރޮޖެކްޓެއް ފަށައިފި

24 މޭ 2024



ކުޑަކުދިންނަށް ޚާއްސަ ފުޓްބޯޅަ ޕްރޮގްރާމެއްގެ ތެރެއިން މޫސުމާއި ކަނޑުފަޅުގެ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް "ޕްލޭއިން ވިތް ކޮރަލްސް" ގެ ނަމުގައި ޚާއްޞަ ޕްރޮޖެކްޓެއް ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮޖެކްޓަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިސްނަގައިގެން ޔުނިވަސިޓީ އޮފް މިލާނޯ ބިކޯކާއާއި ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އިންޓަރ މިލާން އަދި ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަންއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އެންޑޯސް ކޮށްފައިވާ "ޕްލޭއިން ވިތް ކޮރަލްސް" ޕްރޮޖެކްޓް އިފްތިތާޙް ކުރުމުގެ ގޮތުން 2024 މޭ 06 ވަނަ ދުވަހުގެ ހަވީރު 4.30 ގައި މިއަތޮޅު މަގޫދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓް އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އާއިޝަތު ޝަޖަންއެވެ. މި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒާއި، ކައުންސިލް މެންބަރުންނާއި، އަތޮޅުގެ ދާއިރާތަކުގެ ވެރިންން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަތޮޅު މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވަރސިޓީގެ މެރައިން ރިސަރޗް އެންޑް ހަޔަރއެޑިއުކޭޝަން ސެންޓަރުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮޖެޓްގައި ކުޑަކުދިންނަށް އަމާޒުކޮށް މައިގަނޑު ދެ ބާވަތެއްގެ ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. ފުރަތަމަ ބަޔަކީ ކަނޑުފަޅާއި އެތަންތާގެ ދިރުންތަށް ހިމާޔަތްކޮށް، ރައްކާތެރިކޮށް ދިރުވާ އާލާކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަމާގުޅޭ ހުނަރުތައް ދަސްކޮށްދިނުމެވެ. ދެވަނަ ބަޔަކީ ފުޓްބޯޅަކުޅުމުގެ ހުނަރުތަށް ކުދިންނަށް އުނގަންނައި ދިނުމާއި ކުޅިވަރުގެ ތެރެއިން ފަރުދީ އަދި އިޖުތިމާޢި ހުނަރުތަށް ދަސްކޮށްދިނުމެވެ.

2024 މޭ 07 އިން 12 އަށް 06 ދުވަހުގެ މުއްދަތަށް މިއަތޮޅު މަގޫދޫގައި ކުރިއަށް ގެންދިޔަ މިޕްރޮޖެކްޓްގެ ފުރަތަމަ ބައިގައި ކުރިއަށް ގެންގޮސްފައިވަނީ ޓްރެއިނަރުން ތަމްރީނު ކުރުމުގެބައެވެ. އެގޮތުން މިއަތޮޅުގެ ރަށުކައުންސިލްތަކާއި، ސްކޫލް މަދަރުސާތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން 14 ޓްރެއިނަރުން ތަމްރީނު ކުރެވިފައި ވެއެވެ. މި ޕްރޮޖެކްޓް ނިމޭއިރު މިއަތޮޅުގެ ކޮންމެ ސްކޫލަކުން 40 ކުދިން ޖުމްލަ 200 ކުދިން ތަމްރީނު ކުރެވޭނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިސްނަގައިގެން ފެށި މި ޕްރޮޖެކްޓްގެ ފުރަތަމަބައި ކުރިއަށް ގެންދިއުމުގައި މިއަތޮޅުގެ ރަށު ކައުންސިލްތަކާއި ސްކޫލުތަކާއި އެން.ޖީ.އޯތަކުގެ އިތުރުން ފ. އަތޮޅު ޕޮލިސްގެ އެހީތެރިކަން ލިބިފައިވެއެވެ. އަތޮޅުގެ ދާއިރާތަކާ ގުޅިގެން ކުރިއަށްގެންދާ މިޕްރޮޖެކްޓަކީ އަތޮޅަށް ވަރަށްފައިދާ ކުރާނެ ޕްރޮޖެކްޓެއް ކަމުގައި ފާހަގަ ކުރެވެއެވެ.

މި ޕްރޮޖެކްޓް މަގޫދޫގައި ކުރިއަށް ގެންދިއުމުގައި ޓުރައިނަރުން މަގޫދޫއަށް ގެނެސް ގެންދިއުމުގެ ދަތުރުފަތުރުގެ ޚަރަދުތަކާއި، މި ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގެ ޚަރަދުތަކާއި، ޓުރެއިނަރުންގެ ކެއިން ބުއިމުގެ ޚަރަދުތަކާއި، މި ޕްރޮޖެކްޓާގުޅޭ ގޮތުން ކުރަންޖެހުނު އެހެނިހެން ޚަރަދުތައް ކޮށްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ބަޖެޓުންނެވެ.