2024 ވަނަ އަހަރުގެ ފާފު ވޮލީ މުބާރާތް ފ. މަގޫދޫގައި ބާއްވާގޮތަށް ނިންމައިފި
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ފާފު ވޮލީ މުބާރާތް 2024" ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ބާއްވާގޮތަށް ނިންމައިފިއެވެ.
މިއަހަރުގެ ވޮލީ މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ރަށު ކައުންސިލްތަކަށް ހުޅުވާލުމުން މުބާރާތް ހޯސްޓް ކުރުމަށް ހުށަހަޅާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުންނާއި މަގޫދޫ ކައުންސިލުންނެވެ. މި ދެ ކައުންސިލުން ހުށަހަޅާފައިވާ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުން އެންމެ ގިނަ ޕޮއިންޓް ލިބިގެން ހޯސްޓިން ކާމިޔާބު ކޮށްފައިވަނީ މަގޫދޫ ކައުންސިލުން ކަމަށްވާތީ، މުބާރާތް އެރަށުގައި ބާއްވާގޮތަށް ނިންމީއެވެ.
ނިލަންދެއަތޮޅު އުތުރުބުރީގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 2024 މޭ 30 ވަނަ ދުވަހުގެ 14.00 އަށް ހަމަވިއިރު އަތޮޅުގެ ހުރިހާ ރަށު ކައުންސިލް ތަކުން (05 ކައުންސިލުން) ކޮންމެ ކައުންސިލަކުންވެސް އަންހެންޓީމަކާއި ފިރިހެންޓީމެއް ބައިވެރިކުރާގޮތަށް ހުށަހަޅާފައި ވެއެވެ. ފާއިތުވި 2023 ވަނަ އަހަރުގެ ވޮލީ މުބާރާތުގައި ބިލެއްދޫ ކައުންސިލުން ބައިވެރިވެފައެއް ނުވެއެވެ.
މިއަހަރުގެ މުބާރާތުގައި 08 ޓީމު ވާދަކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 07 ވަނަ ދުވަހުއެވެ.
މިއަހަރުގެ މުބާރާތުގައި މުބާރާތް ހޯސްޓްކުރާ ރަށަކަށް ދިނުމަށް ހަމަޖެހިފައިވަނީ -/20000 ރުފިޔާއެވެ. މި މުބާރާތުގައި އަންހެން، ފިރިހެން ޗެންޕިއަންޓީމަށް -/20000 ރުފިޔާ، ރަނަރަޕް ޓީމަށް -/10000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
2023 ވަނައަހަރު ބޭއްވި ވޮލީ މުބާރާތުގައި ރާއްޖެއިންބޭރު ކުޅުންތެރިން ހިމަނައިގެން މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ކުޅުންތެރިން ނުހިމަނައެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ ޓީމު ބައިވެރިކުރާ ރަށެއްގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ އިތުރުން އެޓީމެއް ހިމެނޭ ރަށެއްގެ ރަޖިސްޓްރީގައިވާ ފަރާތަކާއި ކައިވެނިކޮށްގެންއުޅޭ ބޭރުއަތޮޅު ތަކަށް ނިސްބަތްވާ ފަރާތްތަކާއި އެފަރާތަކުގެ ދަރިންނަށެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްވްސްއިން 2022 ވަނައަހަރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކުރިއަށްގެންދިޔަ ރާއްޖެއެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް ބާއްވާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އަތޮޅުގެ ހުރިހާ ރަށަކުންވެސް ބައިވެރިވެފައި ވެއެވެ.