ސިވިލްސާވިސް މުވައްޒަފުންނަށް ދެވޭ ފައިސާގެ ޢިނާޔަތް އިތުރުކޮށްފި

07 ފެބުރުވަރީ 2018


ސިވިލްސާވިސް މުވައްޒަފުންނަށް ދެވޭ ފައިސާގެ ޢިނާޔަތް އިތުރު ކުރުމުގެ ގޮތުން އައު އެލަވަންސް ތަކެއް ތަޢާރަފުކޮށް، ސިވިސްސާވިސްގެ ޓެކުނިކަލް މަސައްކަތްކުރާ މުވައްޒަފުންނާއި، އެ މަސައްކަތަށް އެހީތެރިކަންދޭ އިދާރީ މުވައްޒަފުންނާއި ސިވިލްސާވިސްގެ ސަޕޯޓް ސާވިސް ރޭންކު ތަކުގެ މުވައްޒަފުންނަށް 01 ފެބުރުވަރީ 2018 އިން ފެށިގެން އެލަވަންސެއް ދިނުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ މި އެލަވަންސްތައް މުވައްޒަފުންނަށް ދިނުމާ ބެހޭގޮތުން ސިވިލސާވިސް ކޮމިޝަނުން މިއަދު ނެރުއްވި ސާކިއުލަރ ގައެވެ.

އެ ސާކިއުލަރ ގައިވާ ގޮތުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓެކްނިކަލް ކޯ އެލަވަންސާއި ސަޕޯޓިންގ ކޯ އެލަވަންސް 1 އަދި ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ނަމުގައި ތަޢާރަފު ކޮށްފައިވާ އެލަވަންސް ތަކެވެ.

އެގޮތުން ކޯ އެލަވަންސަކީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ" ގެ މަގާމުތައް ކަމުގައި ކަނޑައެޅޭ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަނޑަ އަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށް މުވައްޒަފު އަދާކުރާ ވަޒީފާގެ އަސާސީ މުސާރައިގެ 28 ޕަސެންޓް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ.

ސަޕޯޓިންގ ކޯ އެލަވަންސް 1 އަކީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން "ސަޕޯޓު ސާވިސް" (އެސްއެސް ރޭންކް) ގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް 1200.00 ރުފިޔާގެ ގޮތުގައި ދެވޭ އެލަވަންސެކެވެ.

ސަޕޯޓިންގ ކޯ އެލަވަންސް 2 އަކީ ސިވިލް ސާވިސްގެ ޖެނެރަލް ސާވިސް (ޖީއެސް ރޭންކު) އިން ފެށިގެން މަތީ ރޭންކުތަކުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ޓެކްނިކަލް ކޯ ގައި ނުހިމެނޭ މަގާމު ތަކުގައި ތިބި މުވައްޒަފުންނާއި ސިވިލް ސާވިސްގެ ޓެކްނިކަލް ކޯ ގެ މަގާމު ތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ އެލަވަންސް" ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުހަމަނުވާ މުވައްޒަފުންނަށް ދެވޭ އެލަވަންސެކެވެ.

ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި ތަޢާރަފުކުރި އެލަވަންސް ދޭންޖެހޭ މަޤާމުތަކާއި، އެލަވަންސް ދޭންޖެހޭ ގޮތް

• ޑިރެކްޓަރ ޖެނަރަލް 1500.00 ރުފިޔާ

• ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް 1300.00 ރުފިޔާ

• ޑިރެކްޓަރ/ އެގްޒެކެޓިވް/މެނޭޖަރ 1100.00 ރުފިޔާ

• ޑެޕިއުޓީ ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2 900.00 ރުފިޔާ

• އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 900.00 ރުފިޔާ

• ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2 – 900.00 ރުފިޔާ

• ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1 – 700.00 ރުފިޔާ

• އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 700.00 ރުފިޔާ

• އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 700.00 ރުފިޔާ

• އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 އަދި 2 700.00 ރުފިޔާ

އަލަށް ތަޢާރަފުކޮށް މުވައްޒަފުންނަށް ދޭން ނިންމި އެލަވަންސްތައް ދިނުން އިސްތިސްނާވާ މުވައްޒަފުން ވެސް ހާމަކޮށްފައެވެ. އެ ފަރާތް ތަކަކީ 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަޒީފާގެ ޚާއްޞަ އޮނިގަނޑެއް އެކުލަވާލައި މުސާރައާއި ޢިނާޔަތް ތަކަށް ބަދަލު ގެނެސްފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުންނާއި، ސިވިލް ސާވިސްގެ ކޮންޓްރެކްޓް މުވައްޒަފުންގެ އިތުރުން ސިވިލްސާވިސް ZV7 ރޭންކުގައިތިބި މުވައްޒަފުންނެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާވަނީ ހިމަނާފައެވެ.

 ސިވިލްސާވިސް ކޮމިޝަނުގެ ސަރކިއުލަރ