2024 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

04 ސެޕެޓެންބަރު 2024



2024 ވަނަ އަހަރުގެ ޤައުމީ ދުވަސް (01 ރަބީޢުލްވަލް 1446) ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު 04 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 6.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

ކީރިތި ޤުރުއާނުގެ ބަރާކާތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު ފައްޓަވައި ދެއްވި މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ދިދަ ނަންގަވައި ދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ.

ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒު ދެއްކެވި ވާހަކަ ފުޅުގައި، ރަބީޢުލް އައްވަލުމަހުގެ އެއްވަނަ ދުވަހަކީ ކަނޑުގެ ބާޒުގެނަމުން މަޝްހޫރު ވެފައިވާ ޕޯޒްގީޒުގެ އަތްދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސްކަމަށާއި، އަދި މިއަދަކީ 15 އަހަރާއި 06 މަސްދުވަހުގެ ދިގު އަޅުވެތި ކަމަކަށްފަހު ބޮޑު ތަކުރުފާނާއި އެތަކުފާނުގެ ހިތްވަރުގަދަ ޓީމު ޕޯޗުގީޒުންގެ އަނިޔާވެރި ލަޝްކަރާއި ހަނގުރާމަކުރައްވައި ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހުގެ ހަނދާންތައް ދިރުވައި އާލާކުރަމުން ގެންދާ ދުވަސްކަމުގައި ވިދާޅުވިއެވެ.

މިއަދަކީ ޤައުމީ ބަތަލުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އަދާކުރުމުގެ އަޒުމު އާކޮށް ޤައުމީ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގަންނަންވީ ދުވަސްކަމަށާއި، ޤައުމު ބައިބައިވިޔަ ނުދީ ގައުމީރޫޙު އާލާކޮށް ދިރުވަންވީ ދުވަސްކަމަށާއި މިދުވަސް ފާހަގަ ކުރަމުން ގެންދާއިރު، ދިވެއްސަކަށް ވީތީ މިކަމާމެދު ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްތިބި ބަޔަކަށް ވާންޖެހޭކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ޤައުމުގެ ޙާލުގެ ދުލުން ގޮވާލެވޭ ހިނދު ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހައި ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާނެ ބަޔަކަށްވާން ޢަޒުމުކަނޑައަޅަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ޤައުމީ ސަލާމުން ނިންމި މިރަސްމިއްޔަތުގައި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.