ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުވެރިކަމުގެ ވޮލީ މެޗަކާއި ހޭންޑްބޯލް މެޗެއް ކުޅެފި

05 ސެޕެޓެންބަރު 2024



2024 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ފ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗަކާއި ހޭންޑްބޯލް މެޗެއް ކުޅެފިއެވެ.

ދެ މުވައްސަސާގެ ދެމެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ފ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދެމެޗުގެ ތެރެއިން ވޮލީ މެޗު ބާއްވާފައިވަނީ 04 ސެޕްޓެންބަރު 2024 ދުވަހުގެރޭ 20.30 ގައި ފ. ނިލަންދޫ ވޮލީ ކޯޓުގައެވެ. ފ. އަތޮޅު ހޮސްޕިޓަލާއި، އަތޮޅު ކައުންސިލްގެ ފިރިހެން މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ މިމެޗު ކުޅޭގޮތަށް ހަމަޖައްސާފައިވަނީ 03 ސެޓަށް ކަމަށްވުމާއެކު 02 ސެޓު ހޯދައިގެން މޮޅުވެފައިވަނީ ފ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ.

ފ. އަތޮޅު ހޮސްޕިޓަލާއި، އަތޮޅު ކައުންސިލްގެ އަންހެން މުވައްޒަފުންގެ މެދުގައި 05 ސެޕްޓެންބަރު 2024 ދުވަހުގެ ހަވީރު 4.30 ގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް މެޗުވެސް 06 ލަނޑު 04 ލަނޑުން ކާމިޔާބުކުރީ ފ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފ. އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ އެކުވެރިކަމުގެ މި މެޗުތައް ކުރިއަށް ގެންދިއުމުގައި މި ދެމުވައްސަސާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ކޮންމެ މެޗެއް ނިމުމުން، ފ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން އެކުވެރިކަމުގެ ހަދިޔާ އަތޮޅު ކައުންސިލަށް ދީފައި ވެއެވެ. އަދި ދެމުވައްސަސާގެ ހުރިހާ މުވައްޒަފުންނަށް ފ. އަތޮޅު ހޮސްޕިޓަލުން ތައްޔާރު ކޮށްފައިވާ ސަޔެއް 05 ސެޕްޓެންބަރު 2024 ދުވަހުގެ ހަވީރު ފ. އަތޮޅު ހޮސްޕިޓަލްގެ ގޯތި ތެރޭގައި ބާއްވާފައި ވެއެވެ.

އެކުވެރިކަން އާލާކުރުމަށާއި، ގުޅުން ބަދަހި ކުރުމަށް ކުރެވޭ މިބާވަތުގެ ކުދިކުދި ކަންތައްތަކުންވެސް ދެ މުވަސަސާގެ ދެމެދުގައި އެކުވެރިކަން އާލާވެ، ގުޅުން ބަދަހިވެ ކުރަންޖެހޭ ކަންތައްތަކަށް ވަރަށް ބޮޑަތި ލުއިފަސޭހަތައް ލިބިގެންދާނެއެވެ. އެހެންކަމާއެކު މުވައްސަސާތަކުން އިސްނަގައިގެން މިފަދަ ކަންތައްތައް ކުރުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށް ފާހަގަ ކުރެވެއެވެ.