2024 ވަނަ އަހަރު ފ. އަތޮޅު ޤުރްއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅައިފި

02 އޮކްޓޫބަރު 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން 2024 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފ. އަތޮޅު ޤުރްއާން މުބާރާތް ބާއްވާ ރަށަކީ މިއަތޮޅު ނިލަންދޫ ކަމުގައި ކަނޑައަޅައިފިއެވެ.

މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި ޕްރޮޕޯސަލް ފޯމު ހުށަހަޅާފައިވަނީ ފ. އަތޮޅު މަދަރުސާއިންނާއި، ފ. މަގޫދޫ ސްކޫލުންނާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. މި 03 ސްކޫލުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައި މުބާރާތް ހޯސްޓުކުރުން ކާމިޔާބު ކޮށްފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހެޅި ޕްރޮޕޯސަލަށް %75 އަށްވުރެމަތިން މާކްސް ލިބިފައިވާއިރު، މަގޫދޫ ސްކޫލާއި ފ. އަތޮޅު މަދަރުސާއިން ހުށަހެޅި ޕްރޮޕޯސަލަށް %75 މާކްސް ލިބިފައެއް ނުވެއެވެ.

މިއަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން 2024 އޮކްޓޫބަރު 31 އިން 2024 ނޮވެންބަރު 03 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޮކްޓޫބަރު 2024 ދުވަހުގެ 12.00 އެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސްކޫލްތަކުން މުބާރާތުގައި ބައިވެރިވުމުގެ ފޯމު އެ މުއްދަތުގައި އަތޮޅު ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. އެމުއްދަތުގެ ފަހުން މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ. ޤުރްއާން މުބާރާތުގެ 2024 ވަނަ އަހަރުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމު މިހާރުވަނީ ސްކޫލްތަކަށް ފޮނުވިފައެވެ.

މި މުބާރާތުގެ ޤަވާޢިދުގައިވާ ގޮތުން މުބާރާތުގައި 06 ކީ ސްޓޭޖަކުން ދަރިވަރުން ވާދަކުރަމުން ގެންދާނެއެވެ. ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން ކޮންމެ ބަޔަކުންވެސް ކޮންމެ ކީ ސްޓޭޖަކުން 02 ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ. މިއަތޮޅުގައި 06 ކީ ސްޓޭޖަށް ކިޔަވައި ދެނީ ބިލެއްދޫ ސްކޫލުންނާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އެހެން ސްކޫލްތަކުގައި ކިޔަވައި ދެނީ 05 ކީ ސްޓޭޖަށެވެ.

ޤުރްއާން މުބާރާތް ބާއްވާ ރަށްނޫން އެހެން ރަށްރަށުގެ ސްކޫލް ތަކަށް ރަމްޒީ އެހީގެ ގޮތުގައި މިއަހަރުވެސް -/5،000 ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުންވަނީ ނިންމާފައެވެ. މިފައިސާ ދޫ ކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިކުރަންޖެހޭ ދަރިވަރުންގެ ތެރެއިން މަދުވެގެން 1/2 ދަރިވަރުން ބައިވެރިކުރާ ސްކޫލް ތަކަށެވެ.

މިއަހަރުގެ މުބާރާތް ހޯސްޓްކުރާ ސްކޫލަކަށް ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ -/25،000 ރުފިޔާއެވެ. މިއީ މިހާތަނަށް ފ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާ ރަށަކަށް އެންމެ ބޮޑުކޮށް ފައިސާދޭ އަހަރެވެ.

2023 ވަނަ އަހަރު ޤުރްއާން މުބާރާތް ބާއްވާފައިވަނީ މިއަތޮޅު މަގޫދޫގައެވެ.