ފ. އަތޮޅު ޤުރްއާން މުބާރާތް 2024 ފަށައިފި

01 ނޮވެންބަރު 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ފ. އަތޮޅު ޤުރުއާން މުބާރާތް 2024" ފަށައިފިއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލެވިފައިވަނީ މިއަތޮޅުގެ ސްކޫލްތަކަށެވެ.

މި މުބާރާތް ފަށާފައިވަނީ 31 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭގައެވެ. މި މުބާރާތް ކުރިއަށްދާނީ 2024 އޮކްޓޯބަރ 31 އިން ނޮވެމްބަރ 02 އަށް ފ. ނިލަންދޫ ގޮމަވަތީގައެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ފ. އަތޮޅު މަދަރުސާ، ފ. ބިލެއްދޫ ސްކޫލް، ފ. މަގޫދޫ ސްކޫލް، ފ. ދަރަނބޫދޫ ސްކޫލް އަދި ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 05 އާއި ދެމެދު ހިމެނޭ ދަރިވަރުން ވާދަކުރާ ގޮތަށް ހުޅުވާލެވުނު މިއަހަރުގެ މުބާރާތުގައި 05 ސްކޫލަކުން ޖުމްލަ 86 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އެއީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުން 24 ދަރިވަރުން، ފ. ދަރަނބޫދޫ ސްކޫލުން 14 ދަރިވަރުން، ފ. މަގޫދޫ ސްކޫލުން 12 ދަރިވަރުން، ބިލެއްދޫ ސްކޫލުން 21 ދަރިވަރުން އަދި ފ. އަތޮޅު މަދަރުސާއިން 15 ދަރިވަރުންނެވެ. 2023 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 88 ދަރިވަރުންނެވެ.

މިއަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 48 ދަރިވަރުން ވާދަކުރާއިރު ނުބަލާ ކިޔެވުމުގެ ގޮފީގައި 38 ދަރިވަރަކު ވާދަކުރެއެވެ. މި މުބާރާތުގައި 56 އަންހެން ދަރިވަރުން ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވި ފިރިހެން ދަރިވަރުންގެ ޢަދަދަކީ 30 އެވެ. ކޮންމެ އަހަރެއްގެ މުބާރާތުގައިވެސް މުބާރާތުގައި ބައިވެރިވާ އަންހެން ދަރިވަރުންގެ ނިސްބަތް އިތުރެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 31 އޮކްޓޫބަރު 2024 ވަނަ ދުވަހުގެރޭ 20.00 ގައި ފ. ނިލަންދޫ ގޮމަވަތީގައެވެ. މުބާރާތް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ. މި ރަސްމިއްޔާތުގައި ފ. އަތޮޅު ކައުންސިލްގެ ނައިބްރައީސާއި، ކައުންސިލް މެންބަރުންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެފައި ވެއެވެ.

މިއަހަރުގެ މުބާރާތް ހޯސްޓު ކޮށްފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ފ. އަތޮޅު ކައުންސިލާއި ގުޅިގެން މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.

މި އަހަރުގެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އަތޮޅު ކައުންސިލުން ދޭ އިނާމުގެ އިތުރުން ފަރީ ޙައްޖު އެންޑް ޢުމުރާ ގުރޫޕުން ޢުމްރާ ދަތުރެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.