"ފާފު ވޮލީ މުބާރާތް 2025" ގައި ބައިވެރިވުމަށް ޓީމު ލިސްޓު ހުށަހަޅާފައިވަނީ 04 ކައުންސިލުން

ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ފާފު ވޮލީ މުބާރާތް 2025" ގައި ބައިވެރި ވުމަށް ޓީމު ލިސްޓު ހުށަހަޅާފައިވަނީ 04 ކައުންސިލުންނެވެ. އެއީ ފީއަލީ ކައުންސިލް، ބިލެއްދޫ ކައުންސިލް، މަގޫދޫ ކައުންސިލް އަދި ދަރަނބޫދޫ ކައުންސިލެވެ. ނިލަންދޫ ކައުންސިލުން މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.
18 ސެޕްޓެންބަރު 2025 ގައި ފ. ފީއަލީގައި ފެށުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވާ ކައުންސިލްތަކުން ޓީމު ލިސްޓް އަތޮޅު ކައުންސިލަށް ހުށަހެޅިއިރު ބިލެއްދޫ ކައުންސިލުން ފިރިހެން ޓީމެއް ބައިވެރި ނުކުރާތީ ފިރިހެން ޓީމުގެ ޓީމު ލިސްޓް ހުށަހަޅާފައެއް ނުވެއެވެ. އަނެއް 03 ކައުންސިލުގެ ތެރެއިން ކޮންމެ ކައުންސިލަކުންވެސް އަންހެން ޓީމާއި ފިރިހެން ޓީމުގެ ޓީމު ލިސްޓު ހުށަހަޅާފައި ވެއެވެ. ނިލަންދޫ ކައުންސިލުން އެއްވެސް ޓީމެއްގެ ޓީމު ލިސްޓު ހުށަހަޅާފައެއް ނުވެއެވެ.
މިއަހަރުގެ މުބާރާތުގައި ކުޅޭނީ ފިރިހެން 04 ޓީމާއި، އަންހެން 03 ޓީމު ހިމެނޭގޮތަށް ޖުމްލަ 07 ޓީމެވެ. ޓީމުތަކުގެ މެދުގައި ގުރުއަތުނެގުން އޮންނާނީ 2025 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ 10.30 ގައި ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
މިއަހަރުގެ މުބާރާތުގައި ކުޅުންތެރިން ބައިވެރިކުރާގޮތަށް ނިންމާފައިވަނީ ފާއިތުވި އަހަރެކޭ އެއްގޮތަށް ޓީމު ބައިވެރިކުރާ ރަށެއްގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ އިތުރުން އެޓީމެއް ހިމެނޭ ރަށެއްގެ ރަޖިސްޓްރީގައިވާ ފަރާތަކާއި ކައިވެނިކޮށްގެންއުޅޭ ބޭރުއަތޮޅު ތަކަށް ނިސްބަތްވާ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިންނަށެވެ.
މިއަހަރުގެ މުބާރާތުގެ ޗެންޕިއަންކަން ހޯދާ އަންހެން ފިރިހެން ކޮންމެ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި -/50،000 ރުފިޔާ، ރަނަރަޕް އަންހެން ފިރިހެން ކޮންމެ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި -/30،000 ރުފިޔާ ދިނުމަށާއި، ފެއަރޕްލޭ އަކަށްހޮވޭ އަންހެން ފިރިހެން ކޮންމެ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި -/5،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގައި ބައިވެރިވާ އަންހެން ފިރިހެން ކޮންމެ ޓީމަކަށް -/12،500 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މިއަހަރުގެ މުބާރާތް ހޯސްޓްކުރާ ރަށަކަށް ދިނުމަށް ނިންމާފައިވަނީ -/30،000 ރުފިޔާއެވެ. މުބާރާތް ހޯސްޓް ކޮށްފައިވަނީ ފީއަލީ ކައުންސިލުންނެވެ. މި މުބާރާތުގެ މީޑިއަރ ޕާޓްނަރެއްގެ މަސައްކަތް ކުރިއަށް ގެންދާ ފަރާތަކަށް ދިނުމަށް ނިންމާފައިވަނީ -/10،000 ރުފިޔާއެވެ. މީޑިއަރ ޕާޓްނަރެއް ހޯދުމާއި، މީޑިއަރ ޕާޓްނަރުގެ ހުރިހާ ކަންކަމެއް ކުރިއަށް ގެންދާނީ ފީއަލީ ކައުންސިލުންނެވެ.
2025 ވަނަ އަހަރު ބާއްވާ ވޮލީ މުބާރާތަކީ، ކައުންސިލްތައް އުފެދުނުފަހުން އަތޮޅު ކައުންސިލުން ހުރިހާ ޚަރަދެއް ކޮށްގެން އަތޮޅު ފެންވަރުގައި ބާއްވާ 03 ވަނަ ވޮލީ މުބާރާތެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރު ފ. ނިލަންދޫގައެވެ. 2024 ވަނަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ ފ. މަގޫދޫގައެވެ. 2025 ވަނަ އަހަރުގެ މުބާރާތް ބާއްވަނީ ފ. ފީއަލީގައެވެ. މީގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޚަރަދު ދެއްވައިގެން ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތުގެ ނަމުގައި އަތޮޅު ފެންވަރުގައި ވޮލީ މުބާރާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މި މުބާރާތް ބާއްވާފައިވަނީ 2022 ވަނަ އަހަރު ފ. މަގޫދޫގައެވެ.