06 މަސްދުވަހުން 211 އައިޑީކާޑު ޕްރިންޓްކޮށް ރަށު ކައުންސިލް އިދާރާ ތަކަށް ފޮނުވައިފި

ކޮންމެ އަތޮޅެއްގައިވެސް އެ އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކުގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ފ. އަތޮޅު ކައުންސިލް އިދާރާގައި އައިޑެންޓިޓީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ޤާއިމްކުރި ފަހުން 06 މަސް ދުވަހުގެ ތެރޭގައި (01 މާރިޗު 2025 އިން 31 އޮގަސްޓު 2025 ގެ ނިޔަލަށް) 211 އައިޑީކާޑު ޕްރިންޓްކޮށް ރަށު ކައުންސިލް އިދާރާ ތަކަށް ފޮނުވައި ފިއެވެ. އެއީ ފ. ނިލަންދޫ 97 ކާޑު، ފ. ދަރަނބޫދޫ 27 ކާޑު، ފ. މަގޫދޫ 21 ކާޑު، ފ. ބިލެއްދޫ 32 ކާޑު އަދި ފ. ފީއަލީ 34 ކާޑެވެ.
ފ. އަތޮޅު ކައުންސިލް އިދާރާގައި އައިޑެންޓިޓީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށާފައިވަނީ 27 ފެބްރުވަރީ 2025 ގައެވެ. މިޚިދުމަތުގެ ސަބަބުން ފ. އަތޮޅު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާ ކަމުގައި ފާހަގަ ކުރެވެއެވެ. އަތޮޅު ކައުންސިލުން ކާޑުތައް ޕްރިންޓްކޮށް ރަށުކައުންސިލްތަކަށް ފޮނުވަމުން ގެންދަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އަތޮޅު ފެރީންނެވެ. އިމަޖެންސީކޮށް އައިޑެންޓިޓީ ކާޑު ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދުވަހުން ދުވަހަށް ފޯރުކޮށް ދެމުން ގެންދެއެވެ.
އައިޑެންޓީޓީ ކާޑު ހެއްދުމަށް ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ކާޑުހެއްދުމަށް ޑީ.އެން.އާރަށް ހުށަހަޅަންޖެހޭނީ ޑީ.އެން.އާރުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އައިޑީކާޑު ހެއްދުމަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނީ އޮންލައިންކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ބަނޑޭރި ޕޭ މެދުވެރިކޮށެވެ. ޑީ.އެން.އާރުން އައިޑީކާޑު ހެއްދުމުގެ ޕްރޮސެސް ނިމުމުން އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅު ތަކުން އައިޑީކާޑު ޕްރިންޓް ކުރެވޭގޮތަށްވަނީ ހަމަޖައްސާފައެވެ.
މީގެ ކުރިންވެސް އަތޮޅު އޮފީހުގެ ނަމުގައި އޮފީސް ހިންގި ދުވަސްވަރު އަދި އަތޮޅު އޮފީހުގެނަން އަތޮޅު ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކުރި ފަހުންވެސް އައިޑެންޓިޓީ ކާޑު ހެއްދުމާބެހޭ އިދާރީ މަސައްކަތްތައް ކުރަމުން ގެންގޮސްފައި ވެއެވެ. އަތޮޅު ކައުންސިލުން މި ޚިދުމަތް ދިނުން ހުއްޓާލީ ކޮންމެ ރަށެއްގެ ރަށު އޮފީހުގައި / ރަށު ކައުންސިލްގައި މި ޚިދުމަތް ޤާއިމް ކުރުމުންނެވެ. އައިޑެންޓީޓީކާޑު ހެއްދުމަށް އޮންލައިންކޮށް ހުށަހަޅާގޮތަށް ޑީ.އެން.އާރުން ހަމަޖެއްސުމުން ރަށުކައުންސިލް ތަކުން ކުރަމުން ގެންދިޔަ އައިޑީކާޑު ހެއްދުމުގެ އިދާރީ މަސައްކަތްތައް އެހާހިސާބުންވަނީ ހުއްޓާލާފައެވެ.
ކޮންމެ އަތޮޅަކުންވެސް ޕާސްޕޯޓްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން 2025 ވަނަ އަހަރުގެ ތެރޭގައި ފ. އަތޮޅު ކައުންސިލްގެ އިދާރާއިން ޕާސްޕޯޓްގެ ޚިދުމަތް ދިނުމަށް ފެށޭނެކަމަށް އުންމީދު ކުރެވެއެވެ. ކުރިންވެސް ފ. އަތޮޅު ކައުންސިލުން ޕާސްޓް ޚިދުމަތް ދިނުމުގެ އިދާރީ މަސައްކަތްތައް ކުރަމުން ގެންގޮސްފައި ވެއެވެ. އަތޮޅު ކައުންސިލުން މި ޚިދުމަތް ދިނުން ހުއްޓާލީ އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމަށް އިމިގްރޭޝަނުން ހަމަޖެއްސެވުމުންނެވެ.