"ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން 170 ޑަސްބިން ރަށު ކައުންސިލްތަކަށް ދޫކޮށްފި

ފ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް 120 ލިޓަރުގެ 170 ޑަސްބިން (މަތިޖެހި) ރަށު ކައުންސިލްތަކަށް ދޫކޮށްފިއެވެ.
ފ. އަތޮޅު ކައުންސިލުން ޑަސްބިންތައް ހޯދައި ރަށު ކައުންސިލްތަކަށް ފޮނުވުމުގެ ބޭނުމަކީ، ރަށު ކައުންސިލްތަކުން ކުރިއަށް ގެންދާ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނާއި، އަތޮޅުގެ ކޮންމެ ރަށަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
ޑަސްބިންތައް ހޯދާފައިވާ ގޮތަކީ 2017 ވަނަ އަހަރު 30 ޑަސްބިން، 2022 ވަނަ އަހަރު 90 ޑަސްބިން، 2024 ވަނަ އަހަރު 50 ޑަސްބިނެވެ. 2025 ވަނަ އަހަރުވެސް 50 ޑަސްބިން ހޯދިފައި ވެއެވެ. ނަމަވެސް އަދި އެ ޑަސްބިންތައް ރަށު ކައުންސިލްތަކަށް ނުފޮނުވައެވެ. އެ ޑަސްބިންތައް ރަށު ކައުންސިލްތަކަށް ފޮނުވުމުން 120 ލިޓަރުގެ 220 ޑަސްބިން ދޫކުރެވުނީއެވެ.
ޑަސްބިންތައް ރަށު ކައުންސިލްތަކަށް ދޫކޮށްފައިވާ ގޮތަކީ؛ ފ. ފީއަލީ ކައުންސިލަށް 30 ޑަސްބިން، ބިލެއްދޫ ކައުންސިލަށް 40 ޑަސްބިން، މަގޫދޫ ކައުންސިލަށް 30 ޑަސްބިން، ދަރަނބޫދޫ ކައުންސިލަށް 30 ޑަސްބިން އަދި ނިލަންދޫ ކައުންސިލަށް 40 ޑަސްބިނެވެ. 2025 ވަނަ އަހަރުގެ ޑަސްބިންތައް ދޫކުރުމުން ރަށު ކައުންސިލްތަކަށް ދޫކުރި ޑަސްބިންގެ ޢަދަދު އިތުރުވާނެއެވެ.
ރަށު ކައުންސިލްތަކުން ކުރިއަށް ގެންދާ ކުނި މެނޭޖް ކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ރަށު ކައުންސިލަކަށްވެސް ފ. އަތޮޅު ކައުންސިލުން ރަށު ޕިކަޕެއް ހޯދައި ދެވިފައި ވެއެވެ.