"ފާފު ވޮލީ މުބާރާތް 2025" ގެ ޓީމުތަކުގެ މެދުގައި ގުރުއަތުނެގުން ކުރިއަށް ގެންގޮސްފި

15 ސެޕްޓެންބަރު 2025



ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން 18 ސެޕްޓެންބަރު 2025 ގައި ފެށުމަށް ހަމަޖެހިފައިވާ "ފާފު ވޮލީ މުބާރާތް 2025" ގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުނެގުން ކުރިއަށް ގެންގޮސްފިއެވެ. 2025 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 10.30ގައި ފ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ގުރުއަތުނެގުމުގައި މުބާރާތުގައި ބައިވެރިވާ ކައުންސިލް ތަކުގެ ތެރެއިން މަގޫދޫ ކައުންސިލުން ފިޔަވައި އެހެން ކައުންސިލް ތަކުން ބައިވެރިވެފައި ވެއެވެ.

2025 ވަނަ އަހަރުގެ ވޮލީ މުބާރާތް އޮންނާނީ ފ. ފީއަލީގައެވެ. ވޮލީ މުބާރާތުގެ ހުރިހާ މެޗުތަކެއް ކުޅޭނީ ފ. ފީއަލީގައި އަލަށްހަދައި 11 ސެޕްޓެންބަރު 2025 ގައި ހުޅުވާފައިވާ އައުޓްޑޯ ވޮލީ ކޯޓްގައެވެ. ފ. ފީއަލީގައި އެރަށުގެ ކައުންސިލުން ހަދާފައިވާ ވޮލީކޯޓަކީ ފ. އަތޮޅު ވޮލީ މުބާރާތަށް ޚާއްޞަކޮށްގެން ހަދާފައިވާ، ހުރިހާ ވަސީލަތްތަކެއް ޤާއިމް ކޮށްފައިވާ ވޮލީ ކޯޓެކެވެ. މިއަރުގެ މުބާރާތް ފީއަލީގައި ބާއްވާގޮތަށް ހަމަޖައްސާފައިވަނީ މުބާރާތް ހޯސްޓް ކުރުމަށް ރަށު ކައުންސިލް ތަކަށް ހުޅުވާލުމުން އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ފީއަލީ ކައުންސިލުން ހުށަހަޅައިގެން ހޯސްޓިންގ ކާމިޔާބު ކުރުމުންނެވެ.

ފ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ކައުންސިލްތަކުގެ މެދުގައި ކުރިއަށްގެންދާ މި މުބާރާތުގައި ފީއަލި، މަގޫދޫ އަދި ދަރަނބޫދޫ ކައުންސިލުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިކޮށްފައި ވާއިރު ބިލެއްދޫ ކައުންސިލުން ބައިވެރިކޮށްފައިވަނީ ހަމައެކަނި އަންހެން ޓީމެކެވެ. މިއަހަރުގެ ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލުން ބައިވެރިވެފައެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގައި އަންހެން 04 ޓީމާއި، ފިރިހެން 03 ޓީމު ވާދަކުރާ މި މުބާރާތް ފެށުމުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޜަންގެ ދެޓީމު ކަމުގައިވާ މަގޫދޫ ކައުންސިލްގެ އަންހެން ޓީމާއި ބިލެއްދޫ ކައުންސިލްގެ އަންހެން ޓީމެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 02 ޑިވިޜަނަކަށް ބަހާލައިގެން އަންހެން ޓީމުތައް ވަކިން ފިރިހެން ޓީމުތައް ވަކިންނެވެ. މުބާރާތުގެ ރެފްރީކަން ކުރާނީ ވޮލީ ބޯލް އެސޯޝިއޭޝަނުން މި މުބާރާތަށް ފޮނުއްވާފައިވާ 02 ރެފްރީންނެވެ.

2025 ވަނަ އަހަރު ބާއްވާ ވޮލީ މުބާރާތަކީ ފ. އަތޮޅު ކައުންސިލްގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއްކޮށްގެން ބާއްވާ މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން މުބާރާތުގައި ބައިވެރިވާ އަންހެން ފިރިހެން ކޮންމެ ޓީމަކަށް -/12،500 ރުފިޔާ ފ. އަތޮޅު ކައުންސިލުން ދިނުމަށްވަނީ ނިންމާފައެވެ. މިއީ މީގެ ކުރީއަހަރު ތަކުގައި ދީފައިވާ ފައިސާއެއް ނޫނެވެ. އަދި މިއަހަރުން ފެށިގެން ޗެންޕިއަންކަން ހޯދާ އަންހެން ފިރިހެން ކޮންމެ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި -/50،000 ރުފިޔާ، ރަނަރަޕް ޓީމުތަކަށް -/30،000 ރުފިޔާ، ފެއަރޕްލޭ ޓީމުތަކަށް -/5000 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ. ފެއަރޕްލޭ ޓީމްތަކަށްވެސް ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވަނީ މިއަހަރުން ފެށިގެންނެވެ.

ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ވޮލީ މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރު މިއަތޮޅު ނިލަންދޫގައެވެ. އެ މުބާރާތުގައި ބިލެއްދޫ ކައުންސިލް ފިޔަވައި އެހެން ކައުންސިލްތަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް (ޖުމްލަ 08 ޓީމު) ބައިވެރިކޮށްފައި ވެއެވެ. 2024 ވަނަ އަހަރު ކުރިއަށް ގެންދިޔަ 02 ވަނަ ވޮލީ މުބާރާތް ބާއްވާފައިވަނީ މިއަތޮޅު މަގޫދޫގައެވެ. މި މުބާރާތުގައި ހުރިހާ ކައުންސިލް ތަކުން ބައިވެރިވެ ކޮންމެ ކައުންސިލަކުންވެސް އަންހެން ޓީމަކާއި ފިރިހެން ޓީމެއް (ޖުމްލަ 10 ޓީމު) ބައިވެރި ކޮށްފައި ވެއެވެ. 2025 ވަނަ އަހަރުގެ މުބާރާތުގައި ނިލަންދޫ ކައުންސިލް ފިޔަވައި އެހެން ކައުންސިލް ތަކުން ބައިވެރިވެ ބިލެއްދޫ ކައުންސިލް ފިޔަވައި އެހެން ކައުންސިލް ތަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް (ޖުމްލަ 07 ޓީމު) ބައިވެރި ކޮށްފައި ވެއެވެ. ބިލެއްދޫ ކައުންސިލުން ބައިވެރި ކޮށްފައިވަނީ ހަމައެކަނި އަންހެން ޓީމެކެވެ. ފ. ފީއަލީގައި ބާއްވާ މި މުބާރާތަކީ ފ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅު ފެންވަރުގައި ބާއްވާ 03 ވަނަ ވޮލީ މުބާރާތެވެ.