ފ. އަތޮޅުގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި

20 ސެޕްޓެންބަރު 2025



ފ. އަތޮޅުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ފަށައިފި އެވެ.

ފ. އަތޮޅުގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫއަށް ވަޑައިގެން ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް 2025 ސެޕްޓެންބަރު 20 ވަނަ ދުވަހުގެރޭ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްފާޟިލް އަލީ އިޙްސާނެވެ.

ޕާސްޕޯޓްގެ ޚިދުމަތް ފ. އަތޮޅުގައި ޤާއިމް ކޮށްފައިވަނީ ފ. އަތޮޅު ކައުންސިލް އިދާރާ ގައެވެ. ފ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ދެމުން ގެންދާނީ ފ. އަތޮޅު ކައުންސިލް އިދާރާގައި ހަދާފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ކައުންޓަރުންނެވެ. ފ. އަތޮޅުގައި ދިވެހި ސަރުކާރުން ފައްޓަވައި ދެއްވި ޕާސްޕޯޓްގެ ޚިދުމަތަކީ ފ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިފަސޭހަ ޚިދުމަތެކެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ނޮވެމްބަރު 16 ވަނަ ދުވަހުވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.

ފ. އަތޮޅު ކައުންސިލް އިދާރާގައި ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތްވެސް ދެމުން ގެންދެއެވެ. ފ. އަތޮޅު ކައުންސިލް އިދާރާގައި އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ކައުންޓަރެއް ޤާއިމްކޮށް އެ ޚިދުމަތް ދިނުމަށް ފަށާފައިވަނީ 2025 ފެބްރުވަރީ 28 ވަނަ ދުވަހުއެވެ.