ފ. ފީއަލި، ބިލެއްދޫ، މަގޫދޫ، ދަރަނބޫދޫގައި ބެންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ފަށައިފި

21 ސެޕްޓެންބަރު 2025



ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ދިނުމަށް ބެންކް އޮފް މޯލްޑިވްސްއިން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން ފ. ފީއަލި، ފ. ބިލެއްދޫ، ފ. މަގޫދޫ އަދި ފ. ދަރަނބޫދޫގައި އޭ.ޓީ.އެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް އެރަށްރަށުގައި ފައްޓަވައި ދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ސެޕްޓެންބަރު 20 އިން 21 އަށް ފ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނެވެ.

ފީއަލި، ބިލެއްދޫގައި ބަހައްޓާފައިވާ އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ 2025 ސެޕްޓެންބަރު 20 ވަނަ ދުވަހުއެވެ. މަގޫދޫ، ދަރަނބޫދޫގައި ބަހައްޓާފައިވާ އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ 2025 ސެޕްޓެންބަރު 21 ވަނަ ދުވަހުއެވެ.

ފ. އަތޮޅުގެ މި ރަށްރަށުގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމް ކުރުމުން މިއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމް ކުރެވުނީއެވެ. މިއަތޮޅު ނިލަންދޫއަކީ ބެންކް ޤާއިމް ކޮށްފައިވާ ރަށަކަށްވާތީ އެރަށުގައި ކުރިންވެސް އޭ.ޓީ.އެމްގެ ޚިދުމަތް ލިބެން ހުރެއެވެ. ފ. އަތޮޅަކީ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭ.ޓީ.އެމް ޤާއިމްކުރި 13 ވަނަ އަތޮޅެވެ.

ރަށްރަށުގައި ބަހައްޓާފައިވާ އޭ.ޓީ.އެމް ތަކުން ފައިސާނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބެންހުރެއެވެ. ރަށްރަށުގައި ޤާއިމްކުރި އޭ.ޓީ.އެމްގެ ޚިދުމަތަކީ ރަށްރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަކަން ލިބިގެންދާނެ ޚިދުމަތެކެވެ.

ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭ.ޓީ.އެމްގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިހާޙް ކޮށްދެއްވީ 07 ނޮވެންބަރު 2024 ގައެވެ.


ފ. ބިލެއްދޫ
ފ. ބިލެއްދޫ
ފ. ފީއަލި
ފ. ފީއަލި
ފ. ދަރަނބޫދޫ
ފ. ދަރަނބޫދޫ
ފ. މަގޫދޫ
ފ. މަގޫދޫ