"ފާފު ވޮލީ މުބާރާތް 2025 ފަށައިފި"

ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށު ކައުންސިލް ތަކުގެ މެދުގައި ކުރިއަށް ގެންދާ "ފާފު ވޮލީ މުބާރާތް 2025" 22 ސެޕްޓެންބަރު 2025 ވަނަ ދުވަހު ފ. ފީއަލީގައި ފަށައިފިއެވެ.
މިއަހަރުގެ ވޮލީ މުބާރާތް ފަށާގޮތަށް ހަމަޖައްސާފައިވަނީ 2025 ސެޕްޓެންބަރު 18 ވަނަ ދުވަހުގައި ނަމަވެސް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ސެޕްޓެންބަރު 20 އިން 21 އަށް ފ. އަތޮޅަށް ވަޑައިގަންނަވާތީ، ފ. އަތޮޅު ކައުންސިލުން ނިންމާފައިވަނީ 2025 ސެޕްޓެންބަރު 22 ވަނަ ދުވަހު މުބާރާތް ފަށާގޮތަށެވެ.
މިއަހަރުގެ ވޮލީ މުބާރާތް ފެށުމުގެ މެޗުގައި ބައްދަލުކުރީ އަންހެން ޑިވިޜަންގެ 02 ޓީމު ކަމުގައިވާ ފ. މަގޫދޫ ކައުންސިލްގެ އަންހެން ޓީމާއި، ފ. ބިލެއްދޫ ކައުންސިލްގެ އަންހެން ޓީމެވެ. މިމެޗު ސީދާ 03 ސެޓުން ކާމިޔާބުކުރީ ފ. މަގޫދޫ ކައުންސިލްގެ އަންހެންޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. މަގޫދޫ ކައުންސިލްގެ ޓީމުގެ ވަސާމާއެވެ.
މިއަހަރުގެ ވޮލީ މުބާރާތުގައި ކުޅޭނީ އަންހެން 04 ޓީމާއި، ފިރިހެން 03 ޓީމު ހިމެނޭގޮތަށް ޖުމްލަ 07 ޓީމެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ ދެ ޑިވިޜަނަކަށް ބަހާލައިގެން އަންހެން ޑިވިޜަންގެ ޓީމުތައް ވަކިން، ފިރިހެން ޑިވިޜަންގެ ޓީމުތައް ވަކިންނެވެ. މުބާރާތް ފެށިގެން ނިމެންދެން ކޮންމެ ދުވަހަކު 02 މެޗުގެ ކުޅުން ކުރިއަށް ގެންދާނެއެވެ.
2025 ސެޕްޓެންބަރު 22 އިން 28 އަށް ފ. ފީއަލީގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ފ. ދަރަނބޫދޫ، މަގޫދޫ އަދި ފީއަލީ ކައުންސިލުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރި ކޮށްފައިވާއިރު، ބިލެއްދޫ ކައުންސިލުން ބައިވެރި ކޮށްފައިވަނީ ހަމައެކަނި އަންހެން ޓީމެކެވެ. މިއަހަރުގެ ވޮލީ މުބާރާތުގައި މިއަތޮޅު ނިލަންދޫ ކައުންސިލުން ބައިވެރިވެފައެއް ނުވެއެވެ.
މި މުބާރާތުގެ ފައިނަލްމެޗުތައް ކުޅޭނީ 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހުއެވެ. އެދުވަހުގެ ހަވީރު 4.00 ގައި ކުޅޭނީ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗެވެ. ރޭގަނޑުގެ 8.15 ގައި ކުޅޭނީ އަންހެން ޑިވިޜަންގެ ފައިނަލް މެޗެވެ.
ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ފ. ފީއަލީގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ފީއަލީ ކައުންސިލުން ވަރަށް ރަނގަޅަށް ހަމަޖައްސާފައި ވެއެވެ. އަދި މުބާރާތުގައި ބައިވެރިވެގެން ފީއައްޔަށް ދިޔަ ޓީމުތަކަށް ފީއަލީ ކައުންސިލުން މަރުޙަބާ ކިޔައި، ވަރަށް ރަނގަޅު މެހުމާން ދާރީއެއް އަދާކޮށްފައި ވެއެވެ. މިމުބާރާތް ފީއަލީގައި ކުރިއަށް ގެންދިއުމުގައި ފީއަލީ ކައުންސިލުންނާއި ފީއަލީ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. މި މުބާރާތަށް ޚާއްޞަކޮށްގެން ފީއަލީ ކައުންސިލުން ވަނީ ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓެއް ތައްޔާރުކޮށްފައެވެ.
ފ. އަތޮޅު ކައުންސިލުން ފީއަލީގައި ކުރިއަށް ގެންދާ ވޮލީ މުބާރާތަކީ ފ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅު ފެންވަރުގައި ކުރިއަށް ގެންދާ 03 ވަނަ ވޮލީ މުބާރާތެވެ.
![]() ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ - ފ. މަގޫދޫ އަންހެން ޓީމު |
![]() ފ. ބިލެއްދޫ އަންހެން ޓީމުގެ ކުޅުންތެރިއެއް |