"ފާފު ވޮލީ މުބާރާތް 2025" ގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ފ. ފީއަލީ ކައުންސިލްގެ ޓީމު ހޯދައިފި

ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށު ކައުންސިލް ތަކުގެ މެދުގައި ފ. ފީއަލީގައި ކުރިއަށް ގެންދާ "ފާފު ވޮލީ މުބާރާތް 2025" ގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ފ. ފީއަލީ ކައުންސިލްގެ ޓީމު ހޯދައިފިއެވެ. މިއީ ޖެހިޖެހިގެން 03 އަހަރު ފައިނަލްގައި ވާދަ ކޮށްގެން ފީއަލީ ކައުންސިލްގެ ޓީމުން ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
"ފާފު ވޮލީ މުބާރާތް 2025" ގެ މި ޑިވިޜަންގެ ޗެންޕިއަންކަން ފ. ފީއަލީ ކައުންސިލްގެ ޓީމުން ހޯދާފައިވަނީ 2024 ވަނަ އަހަރުގެ ޗެންޕިއަން ފ. މަގޫދޫ ކައުންސިލްގެ ޓީމާއި ދެކޮޅަށް 28 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ހަވީރު 4.00 ގައި ފ. ފީއަލީ ވޮލީ ކޯޓުގައި ކުޅުނު ވޮލީ މެޗުގައި ސީދާ 03 ސެޓުން މޮޅުވެގެންނެވެ. 2024 ވަނަ އަހަރުވެސް ފައިނަލް ކުޅެފައިވަނީ މި ދެޓީމެވެ.
ފުރަތަމަ ސެޓު ފީއަލީ ކައުންސިލް ޓީމުން ކާމިޔާބު ކުރީ 25-21 އިންނެވެ. ދެވަނަ ސެޓު ފީއަލީ ކައުންސިލް ޓީމުން ކާމިޔާބު ކުރީ 25-20 އިންވެ. ތިންވަނަ ސެޓު ފީއަލީ ކައުންސިލް ޓީމުން ކާމިޔާބު ކުރީ 25-14 އިންނެވެ. މި މުބާރާތުގައި ފީއަލީ ކައުންސިލް ޓީމު ފައިނަލަށް ގޮސްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެންމެގިނަ ޕޮއިންޓު ހޯދައިގެންނެވެ.
![]() ޗެންޕިއަން - ފ. ފީއަލީ ކައުންސިލްގެ ޓީމު |
![]() ރަނަރަޕް - ފ. މަގޫދޫ ކައުންސިލްގެ ޓީމު |
މި މުބާރާތުގެ ޗެންޕިއަންކަން ހޯދި ފ. ފީއަލީ ކައުންސިލްގެ ޓީމަށް ފ. އަތޮޅު ކައުންސިލުން ދޭ -/50،000 ރުފިޔާގެ ފައިސާގެ އިނާމުގެ ޗެކާއި ތައްޓާއި މެޑަލް އަދި ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެނުމާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ނައިބު ޢަލީ މުޙައްމަދެވެ.
ރަނަރަޕް ޓީމު މަގޫދޫ ކައުންސިލްގެ ޓީމަށް ފ. އަތޮޅު ކައުންސިލުން ދޭ -/30،000 ރުފިޔާގެ ފައިސާގެ އިނާމުގެ ޗެކާއި ތައްޓާއި މެޑަލް އަދި ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. ފީއަލީ ކައުންސިލް ޓީމުގެ އަޙްމަދު ޝާހުއެވެ. މި ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެމޮޅު (ޑްރީމް ޓީމު) 06 ކުޅުންތެރިންގެ ތެރޭގައި ފީއަލީ ކައުންސިލް ޓީމުގެ 05 ކުޅުންތެރިން ހިމެނެއެވެ. އެއީ ބިލާލު އަޙްމަދު، އާލިމް އިބްރާހީމް، އަޙްމަދު ޒިމާމް ޝަރީފް، ޢަބްދުﷲ ޝަރީފް އަދި އަޙްމަދު ޝާހުއެވެ. ދެން ހިމެނިފައިވަނީ ފ. މަގޫދޫ ކައުންސިލް ޓީމުގެ މުޙައްމަދު އަރީފެވެ. މި ކުޅުންތެރިންނަށް ފ. އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީލިއުން ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ވަޙީދެވެ.
![]() |
![]() |
![]() |
![]() |
![]() |
![]() |
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފ. ފީއަލީ ކައުންސިލްގެ ޓީމުގެ އަޙްމަދު ޒިމާމް ޝަރީފް ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފ. ފީއަލީ ކައުންސިލްގެ ޓީމުގެ އަލޫފް ޢަބްދުﷲ އެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ފ. މަގޫދޫ ކައުންސިލްގެ ޓީމުގެ އިކްރާމް އަޙްމަދު ހޮވުނުއިރު މިޑިވިޜަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ފ. ފީއަލީ ކައުންސިލްގެ ޓީމުގެ ކޯޗު އަޙްމަދު އަދީލެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށާއި، އެންމެ އުންމީދީ ކުޅުންތެރިޔާއަށް ފ. އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީލިއުން ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ. އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ އަށާއި، އެންމެމޮޅު ކޯޗަށް ތައްޓާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ފ. ފީއަލީ ކައުންސިލްގެ މެންބަރު އަޒުހަމް ޢަބްދުﷲ އެވެ.
މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ފ. ދަރަނބޫދޫ ކައުންސިލްގެ ޓީމެވެ. މި ޓީމަށް ފ. އަތޮޅު ކައުންސިލުން ދޭ -/5،000 ރުފިޔާގެ ފައިސާގެ އިނާމާއި ތައްޓާއި ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ މެންބަރު ޢަބްދުލް ޙަމީދު އާދަމެވެ. ފެއާރޕްލޭ ޓީމަށް ފައިސާގެ އިނާމު ދޭންފެށީ މިއަހަރުން ފެށިގެންނެވެ.
![]() |
![]() |
![]() |
![]() |
![]() |
![]() |
2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު ބޭއްވި ވޮލީ މުބާރާތުގައި ޗެންޕިއަންޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދީފައިވަނީ -/20،000 ރުފިޔާއެވެ. ރަނަރަޕް ޓީމަށް ދީފައިވަނީ -/10،000 ރުފިޔާއެވެ. މި އިނާމުތައް މިއަރުންފެށިގެންވަނީ ބޮޑުކޮށްފައެވެ.
މި މުބާރާތުގެ ޗެންޕިއަންކަން ހޯދި ފ. ފީއަލީ ކައުންސިލްގެ ޓީމަކީ ވޮލީގައި ފާހަގަ ކޮށްލެވޭ ޓީމެކެވެ. ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ބޭއްވި ކޮންމެ އަހަރެއްގައި އެއްކޮޅުން ފައިނަލްގައި ކުޅެފައި ވެއެވެ. އެގޮތުން 2023 ވަނަ އަހަރު ފ. ނިލަންދޫގައި ބޭއްވި ވޮލީ މުބާރާތުގައި ފައިނަލްގައި ވާދަކުރިއެވެ. 2024 ވަނަ އަހަރު ފ. މަގޫދޫގައި ބޭއްވި ވޮލީ މުބާރާތުގައިވެސް ފައިނަލްގައި ވާދަ ކުރިއެވެ. 2025 ވަނަ އަހަރު ބޭއްވި މުބާރާތުގައި ފައިނަލްގައި ވާދަ ކުރިއެވެ. ފާއިތުވި ދެ އަހަރުގައި ފައިނަލްގައި ވާދަކޮށްގެން ޗެންޕިއަންކަން ނުލިބުނު ނަމަވެސް ބެލުންތެރިން ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ފީއަލީ ކައުންސިލްގެ ޓީމުން ދައްކާފައި ވެއެވެ.