"ފާފު ވޮލީ މުބާރާތް 2025" ގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ފ. ފީއަލީ ކައުންސިލްގެ ޓީމު ހޯދައިފި

ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށު ކައުންސިލް ތަކުގެ މެދުގައި ފ. ފީއަލީގައި ކުރިއަށް ގެންދާ "ފާފު ވޮލީ މުބާރާތް 2025" ގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ފ. ފީއަލީ ކައުންސިލްގެ ޓީމު ހޯދައިފިއެވެ. މިއީ ފ. އަތޮޅު ކައުންސިލުން ވޮލީ މުބާރާތް ބާއްވަން ފެށިފަހުން ފީއަލީ ކައުންސިލްގެ އަންހެން ޓީމުން ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
"ފާފު ވޮލީ މުބާރާތް 2025" ގެ މި ޑިވިޜަންގެ ޗެންޕިއަންކަން ފ. ފީއަލީ ކައުންސިލްގެ ޓީމުން ހޯދާފައިވަނީ 2024 ވަނަ އަހަރުގެ ޗެންޕިއަން ފ. ދަރަނބޫދޫ ކައުންސިލްގެ ޓީމާއި ދެކޮޅަށް 28 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެރޭ 20.15 ގައި ފ. ފީއަލީ ވޮލީ ކޯޓުގައި ކުޅުނު ވޮލީ މެޗުގައި 04 ސެޓު 03 ސެޓުން މޮޅުވެގެންނެވެ.
ފުރަތަމަ ސެޓު ފީއަލީ ކައުންސިލްގެ ޓީމުން ކާމިޔާބު ކުރީ 25-20 އިންނެވެ. ދެވަނަ ސެޓު 25-22 އިން ދަރަނބޫދޫ ކައުންސިލްގެ ޓީމުން ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު ފީއަލީ ކައުންސިލްގެ ޓީމުން ކާމިޔާބު ކުރީ 25-22 އިންވެ. އަދި ހަތަރުވަނަ ސެޓު ފީއަލީ ކައުންސިލްގެ ޓީމުން ކާމިޔާބު ކުރީ 25-13 އިންނެވެ. މި މުބާރާތުގައި ފީއަލީ ކައުންސިލްގެ ޓީމު ފައިނަލަށް ގޮސްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެންމެގިނަ ޕޮއިންޓު ހޯދައިގެންނެވެ.
![]() ޗެންޕިއަން - ފ. ފީއަލީ ކައުންސިލްގެ ޓީމު |
![]() ރަނަރަޕް - ފ. ދަރަނބޫދޫ ކައުންސިލްގެ ޓީމު |
މި މުބާރާތުގެ ޗެންޕިއަންކަން ހޯދި ފ. ފީއަލީ ކައުންސިލް ޓީމަށް ފ. އަތޮޅު ކައުންސިލުން ދޭ -/50،000 ރުފިޔާގެ ފައިސާގެ އިނާމުގެ ޗެކާއި ތައްޓާއި މެޑަލް އަދި ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެނުމާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ނައިބު ޢަލީ މުޙައްމަދެވެ.
ރަނަރަޕް ޓީމު ދަރަނބޫދޫ ކައުންސިލްގެ ޓީމަށް ފ. އަތޮޅު ކައުންސިލުން ދޭ -/30،000 ރުފިޔާގެ ފައިސާގެ އިނާމުގެ ޗެކާއި ތައްޓާއި މެޑަލް އަދި ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ވަޙީދެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. ފީއަލީ ކައުންސިލްގެ ޓީމުގެ ނަރީމާ އިދުރީހެވެ. މި ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢުއެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެމޮޅު (ޑްރީމް ޓީމު) 06 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ފީއަލީ ކައުންސިލްގެ ޓީމުގެ 03 ކުޅުންތެރިންނާއި ދަރަނބޫދޫ ކައުންސިލްގެ ޓީމުގެ 03 ކުޅުންތެރިންނެވެ. ފީއަލީ ކައުންސިލްގެ ޓީމުގެ ކުޅުންތެރިންނަކީ ނަރީމާ އިދުރީސް، ޢާއިޝަތު ރީމާ، މިޒްނާ އިބްރާހީމެވެ. ދަރަނބޫދޫ ކައުންސިލްގެ ޓީމުގެ ކުޅުންތެރިންނަކީ ފަޒްލާ މުޙައްމަދު، ފާޠިމަތު ޠަހޫރާ، ފިރާޝާ އާދަމެވެ. މި ކުޅުންތެރިންނަށް ފ. އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީލިއުން ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ އަޙްމަދެވެ.
![]() |
![]() |
![]() |
![]() |
![]() |
![]() |
މި މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފ. ފީއަލީ ކައުންސިލް ޓީމުގެ ނަރީމާ އިދުރީސް ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފ. ފީއަލީ ކައުންސިލް ޓީމުގެ ރިވާ ޖަލީލެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ފ. މަގޫދޫ ކައުންސިލް ޓީމުގެ އާމިނަތު ފިރާޝާ ހޮވުނުއިރު މިޑިވިޜަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ފ. ފީއަލީ ކައުންސިލް ޓީމުގެ ކޯޗު އަޙްމަދު އަދީލެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށާއި، އެންމެ އުންމީދީ ކުޅުންތެރިޔާއަށް ފ. އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީލިއުން ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަހީދެވެ. އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ އަށާއި، އެންމެމޮޅު ކޯޗަށް ތައްޓާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބެވެ.
މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ފ. މަގޫދޫ ކައުންސިލްގެ ޓީމެވެ. މި ޓީމަށް ފ. އަތޮޅު ކައުންސިލުން ދޭ -/5،000 ރުފިޔާގެ ފައިސާގެ އިނާމާއި ތައްޓާއި ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ މެންބަރު އަރީޙް އިސްމާޢީލެވެ. ފެއާރޕްލޭ ޓީމަށް ފައިސާގެ އިނާމު ދޭންފެށީ މިއަހަރުން ފެށިގެންނެވެ.
![]() |
![]() |
![]() |
![]() |
![]() |
![]() |
2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު ބޭއްވި ވޮލީ މުބާރާތުގައި ޗެންޕިއަންޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދީފައިވަނީ -/20،000 ރުފިޔާއެވެ. ރަނަރަޕް ޓީމަށް ދީފައިވަނީ -/10،000 ރުފިޔާއެވެ. މި އިނާމުތައް މިއަރުންފެށިގެންވަނީ ބޮޑުކޮށްފައެވެ.
މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނާއި، އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ފީއަލީ ކައުންސިލުން ކާމިޔާބު ކުރުމަކީ ފީއަލީ ކައުންސިލަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެކެވެ. ލިބުނު ވަރަށްބޮޑު ޝަރަފަކާއި ފަޚްރެކެވެ. ކުރިއަށްއޮތް ތަނުގައިވެސް ފީއަލީ ކައުންސިލްގެ އުންމީދަކީ އަތޮޅު ވޮލީ މުބާރާތުގެ ކޮންމެ ޑިވިޜަނަކުންވެސް ޗެންޕިއަންކަން ހޯދުމެވެ.
2025 ސެޕްޓެންބަރު 22 އިން 28 ގެ ނިޔަލަށް ފ. ފީއަލީގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ފީއަލީ ކައުންސިލުންނާއި، ފީއަލީ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ފ. އަތޮޅު ކައުންސިލަށް ލިބިފައި ވެއެވެ. އަދި މުބާރާތަށް ފީއައްޔަށްދިޔަ އެހެން ރަށްރަށުގެ ޓީމު ތަކަށް ފީއަލީ ކައުންސިލުން ވަރަށް ރަނގަޅު މެހުމާންދާރީއެއް އަދާކޮށްފައި ވެއެވެ. މިއަހަރުގެ މުބާރާތުގައި އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. މުބާރާތް ނިމިފައިވަނީ ވަރަށް ކާމިޔާބުކަމާއެކު އަމަން އޮމާންކަމާ އެކުއެވެ.
މިއަހަރުގެ ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލުން ބައިވެރި ވެފައެއް ނުވެއެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން 04 ޓީމާއި، ފިރިހެން 03 ޓީމު ހިމެނޭ ގޮތަށް ޖުމްލަ 07 ޓީމެވެ. އެއީ ފީއަލީ ކައުންސިލުން 02 ޓީމު، ބިލެއްދޫ ކައުންސިލުން 01 ޓީމު، މަގޫދޫ ކައުންސިލުން 02 ޓީމު އަދި ދަރަނބޫދޫ ކައުންސިލުން 02 ޓީމެވެ.