ފ.އަތޮޅުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި

25 މާރިޗު 2018


މޮނިޓަރިންގ ޓީމުން ލިޔެކިއުންތައް ބަލަނީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 07/2010) ގެ 08 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށުކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުމުގެ ގޮތުން ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަހަރު މޮނިޓަރކުރާ ފުރަތަމަ ރަށެއްގެ ގޮތުގައި ދަރަނބޫދޫ ކައުންސިލްގެ އިދާރާ ކަނޑައަޅައި އެއިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 13 މާރިޗު 2018 ގައި ފަށައި 23 މާރިޗު 2018 ގައިވަނީ ނިމިފައެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލާ ކަންތައްތަކުގެ ތެރޭގައި ފައިސާގެ ކަންތައްތަކާއި އިދާރީކަންތައްތަކާއި އެނޫންވެސް ކައުންސިލުން ކުރަމުން ގެންދާ އެންމެހާ ކަންތައްތައް ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތަށް ގެންގޮސްފައިވޭތޯ ބެލުން ހިމެނެއެވެ.

ދަރަނބޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި މޮނިޓަރ ކުރުމުގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމައި ބޭއްވި ބައްދަލުވުމުގައި ފާހަގަ ކުރެވުނު މައިގަނޑު ކަންތައްތަކާބެހޭ މަޢުލޫމާތުވެސް އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންނަށް ދެވިފައިވެއެވެ.


މޮނިޓަރިންގ ޓީމުން ލިޔެކިއުންތައް ބަލަނީ

މޮނިޓަރިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

01- އަތޮޅު ކައުންސިލް މެންބަރ އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދު (ޓީމުގެ އިސް ވެރިޔާ)

02- ޑިރެކްޓަރ އިބްރާހީމް ނަޞީރު

03- ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ރަފީޢު

04- އެސިސްޓެންޓް ޑިރެކްޓަރ ފަރީދާ އިބްރާހީމް

05- އިކޮނަމިކު ޑިވެލޮޕްމެންޓް އޮފިސަރ ޖަމީލާ އަޙްމަދު

06- ޕްލޭނިންގ އޮފިސަރ ޝަޒީލާ މޫސާ


ދަރަނބޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު އެއިދާރާގެ ކައުންސިލަރުންނާއި އިދާރީވެރިންނާއި އިދާރީ މުވައްޒަފުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.