ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

10 އެޕްރީލް 2018


ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް 09 އެޕްރީލް 2018 ގައި ފ.ނިލަންދޫ މިނާ އަލްފާޟިލާ ޢާއިޝަތު ޔުމްނާ ހަމަޖައްސަވައިފިއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޢާއިޝަތު ޔުމްނާއަށް މަރުޙަބާ ދެންނެވުން މިއަދު (10 އެޕްރީލް 2018) ފ.އަތޮޅު ކައުންސިލްގެ އިދާރާގައި އޮތެވެ. މިކަމުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ޢާއިޝަތު ޔުމްނާއަށް މަރުޙަބާ ދެންނެވުމަށް ފ.އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި ޙަފްލާގައި ފ.އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ފ.އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއް ރަޙުމާނާއި، ޑިރެކްޓަރ އަލްފާޟިލް އިބުރާހީމް ޝަރީފާއި، ފ.އަތޮޅުކައުންސިލްގެ އިދާރާގެ އެއްބައިވަންތަ ކަމުގެ ރޫޙުގެ ރައީސް އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބުރާހީމް މޫސާ ވާހަކަފުޅު ދެއްކެވިއެވެ.


ޢާއިޝަތު ޔުމްނާއަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން

މިގޮތުން ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަ ފުޅުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް ހަމަޖެހިގެން ފ.އަތޮޅުކައުންސިލްގެ އިދާރާއާއި ގުޅިވަޑައިގަތް ޢާއިޝަތު ޔުމްނާގެ ފަރާތުން ކައުންސިލްގެ އިދާރާގެ މަސައްކަތްތަކުގައި ރަގަނޅު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙުމާނުގެ ވާހަކަ ފުޅުގައި އެމުވައްޒަފަކާ ކުރުމަށް ޙަވާލުކުރެވޭ ނުވަތަ އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ހިވާގިކަމާއި މުރާލިކަމާއެކު ކުރައްވަމުން ގެންދެވުމަށާއި، މަސައްކަތްތައް ކުރެއްވުމުގައި ފަސް ނުޖެހި އެމަސައްކަތެއް ކުރެވެންއޮތް އެންމެ އަވަހަކަށް ކޮށް ނިންމެވުމަށާއި، ކަންކަން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އެއްކިބާކޮށް ކުރަންޖެހޭ ނުވަތަ ޙާޞިލް ކުރަންޖެހޭ ކަންކަން ކުރުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަށާއި، މުވައްޒަފުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ނުދެއްކެވުމަށާއި، ގުޅިގެން މަސައްތައް ކުރެއްވުމަށާއި، ކޮންމެ މުވައްޒަފަކުވެސް ކައުންސިލް އިދާރާގެ ނަތީޖާ ޙާޞިލް ކުރުމަށް ގަދައަޅައި މަސައްކަތް ކޮށްދެއްވުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ކުރެއްވިއެވެ.


އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް މޫސާ ދެއްކެވި ވާހަކަ ފުޅުގައި ކޮންމެ މުވައްޒަފަކުވެސް ވަޒީފާއަށް އަންނަނީ ވަރަށްބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، ވަޒީފާ ލިބުމުން މަދު ދުވަސް ކޮޅެއްގެ ތެރޭގައި އިންޓަރވިއުމުގައި ދެއްކެވި ވާހަކަތައް ހަނދާން ނެތޭ ކަމަށާއި، މިހެން ވުމުގެ ސަބަބުން އޮފީހުގެ މަސައްކަތްތައް ކުރުމަށް ދަތިތައް ކުރިމަތި ވަމުންދާ ކަމަށާއި، ޢާއިޝަތު ޔުމްނާގެ ފަރާތުން އެފަދަ ކަންތައްތައް ފެނިގެން ނުދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޢާއިޝަތު ޔުމްނާއަށް މަރުޙަބާ ކިއުމުގެ ކަންތައް ހަމަޖައްސައި އެކަން އިންތިޒާމް ކޮށްފައިވަނީ ފ.އަތޮޅު ކައުންސިލް އިދާރާގެ ރެކްރިއޭޝަން ކުލަބު އެއްބައިވަންތަ ކަމުގެ ރޫޙުގެ ފަރާތުންނެވެ.