ފ.އަތޮޅުގެ ކޮންމެ ރަށަކަށް -/150،000 ރުފިޔާ ދިނުމަށް ފ.އަތޮޅު ކައުންސިލުން ނިންމަވައިފި

12 އެޕްރީލް 2018


މާލޭގައިހުރި ފ.އަތޮޅު ފިހާރައިގެ ކުއްޔަށް ލިބިފައިވާ ފައިސާގެ ތެރެއިން ފ.އަތޮޅުގެ ކޮންމެ ރަށަކަށް -/150،000 ރުފިޔާ ދިނުމަށް 11 އެޕްރީލް 2018 ގައި ބޭއްވި ފ.އަތޮޅު ކައުންސިލްގެ 03 ވަނަ ދައުރުގެ 40 ވަނަ ޢާންމު ޖަލްސާއިން ނިންމަވައިފިއެވެ.

ރަށްރަށަށް ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުންނަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތެއް ކުރުމަށް ކަމަށާއި، ފައިސާ ދޫކުރާނީ އިޖުތިމާޢީ ގޮތުން ކުރަންބޭނުންވާ މަސައްކަތެއްގެ އަންދާސީ ހިސާބު ނުވަތަ ޕްރޮޕޯސަލެއް ތައްޔާރުކޮށް ރަށުކައުންސިލް ތަކުން އަތޮޅުކައުންސިލަށް ހުށަހެޅުމުން ރަށްރަށުން ހުށަހަޅާ އަންދާސީ ހިސާބު ނުވަތަ ޕްރޮޕޯސަލްގެ މައްޗަށް ބަލައި އަތޮޅު ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމުގައި މިފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލުން ނިންމެވި ނިންމެވުމުގައި ފާހަގަ ކުރައްވާފައި ވެއެވެ.

އަދި އެއްވެސް ބާވަތެއްގެ ކުޅިވަރަކަށް ޚަރަދު ކުރުމަށް ފައިސާ ދޫނުކުރެވޭނެ ކަމަށާއި، ފައިސާ ދޫކުރެވޭނީ ކުރަން ބޭނުންވާ ކަމަކަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށާއި، އަންދާސީ ހިސާބު ނުވަތަ ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ދޭންހަމަޖައްސާފައިވާ ޢަދަދަށްވުރެ މަދުނަމަ، ފައިސާ ދޫކުރެވޭނީ އަންދާސީ ހިސާބު ނުވަތަ ޕްރޮޕޯސަލްގައި އޮންނަ ޢަދަދަށް ކަމަށާއި، މިފައިސާގެ ތެރެއިން ފައިސާ ދޫކުރާ ބޭނުން ނޫން އެހެން ބޭނުން ތަކަށް ޚަރަދު ނުކުރުމަށްވެސް ކައުންސިލްގެ ނިންމެވުމުގައި ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން އަތޮޅު ޤުރުއާން މުބާރާތަށް -/86،000 ރުފިޔާ، ފާފު އެވޯޑު ދިނުމަށް -/200،000 ރުފިޔާ، ފ.އަތޮޅު ސްޓޭޓު ހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓު ހައުސްގެ މަސައްކަތަށް -/250،000 ރުފިޔާ އަތޮޅު ފިހާރައިގެ ކުއްޔަށް ލިބުނު ފައިސާގެ ތެރެއިން ޚަރަދު ކުރުމަށްވެސް އެޖަލްސާއިން ނިންމަވާފައި ވެއެވެ.