ފ.އަތޮޅު ޤުރުއާން މުބާރާތް 2018 ފ.މަގޫދޫގައި ފަށައިފި

04 މޭ 2018


ފ.އަތޮޅު ޤުރުއާން މުބާރާތް 2018 ފ.މަގޫދޫގައި މިއަދު ހެނދުނު ފަށައިފިއެވެ. މި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

ފ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ހުރިހާ ރަށަކުންވެސް ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެވޭގޮތަށް އިންތިޒާމްކޮށްގެން ފ.އަތޮޅުގެ ކޮންމެވެސް ރަށެއްގައި ބާއްވަމުން ގެންދާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށް އަތޮޅުކައުންސިލުން ކަނޑައަޅާފައިވާ ރަށަކީ މިމުބާރާތް މިހާރު ކުރިއަށްދާ މިއަތޮޅު މަގޫދޫއެވެ.

ފާއިތުވެދިޔަ 02 އަހަރު ޤުރުއާން ނުބޭއްވި ދިޔަ ކަމުގައިވިއަސް ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް ޤުރުއާން މުބާރާތް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި މި މުބާރާތް ހުޅުވައި ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ވިދާޅުވިއެވެ.


ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއަހަރުގެ މުބާރާތުގައި ބައިވެރި ވުމަށް ފ.އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކާއި، މަދަރުސާތަކާއި، ކުލަބު ޖަމްޢިއްޔާ ތަކުންވެސް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުމުން ފ.އަތޮޅުގެ 03 ސްކޫލުންނާއި 05 ޖަމްޢިއްޔާއަކުން ޖުމްލަ 80 ކުދިން ބައިވެރި ވެފައި ވެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކާއި ކުލަބު ޖަމްޢިއްޔާ ތަކަކީ؛

01- ފ.އަތޮޅު މަދަރުސާ ފ.ފީއަލި

02- ފ.ފީއަލީ ޑިވެލޮޕްމެންޓް ސޮސައިޓީ

03- ފ.ބިލެއްދޫ ލާރނިންގ ސެންޓަރ

04- ނީޓް އަވޭކް އެސޯސިއޭޝަން ފޮރ ރިކްރިއޭޝަން އެންވަޔަރަމަންޓް އެންޑް ސްޕޯޓްސް (ނާރެސް)

05- ފ.މަގޫދޫ ސްކޫލް

06- ފ.މަގޫދޫ ޒުވާނުންގެ ކުލަބު

07- އެސޯސިއޭޝަން ފޮރ ދަރަނބޫދޫ ޑިވެލޮޕްމެންޓު

08- ފ.އަތޮޅު ތަޢުލީމީ މަރުކަޒު


މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން 09 އަހަރުން ދަށުން ބައިވެރި ވެފައިވަނީ 22 ކުދިންނެވެ. ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 18 ކުދިންނެވެ. ވިދިވިދިގެން 20 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 12 ކުދިންނެވެ. މުޅި ޤުރުއާނުން ބަލައިގެން ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 12 ކުދިންނެވެ.

ނުބަލައި ކިޔެވުމުގެ ބައިން 09 އަހަރުން ދަށުން ބައިވެރި ވެފައިވަނީ 08 ކުދިންނެވެ. ވިދިވިދިގެން 05 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 07 ކުދިންނެވެ. ވިދިވިދިގެން 10 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ އެއް ކުއްޖެކެވެ. ވިދިވިދިގެން 20 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވެސް ކުއްޖަކު ބައިވެރިވެފައެއް ނުވެއެވެ.


ފ.އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ބާއްވާ މިއަތޮޅު މަގޫދޫވަނީ މި މުބާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރަށްރަށުން މަގޫދޫއަށް އައި ހުރިހާ ޓީމުތަކަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައި، ޤުރުއާން މުބާރާތް ބާއްވާ ހޯލް ވަރަށް ފުރިހަމައަށް ތައްޔާރުކޮށް، މުބާރާތާބެހޭ ހުރިހާ އިންތިޒާމްތަކެއް ވަރަށް ރަގަނޅަށް ހަމަޖައްސަވާފައި ވެއެވެ. އަދި މި މުބާރާތާބެހޭ އެންމެހާ ކަންތައްތަކުގައި މަގޫދޫ ކައުންސިލުންނާއި މަގޫދޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން ދެއެވެ.