ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

15 ނޮވެންބަރ 2017

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނައިފިއެވެ. މިކަން ހާމަ ކުރައްވާފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖްލީހަށް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބްލް އަލްފާޟިލް އަޙްމަދު މުނައްވަރެވެ. ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ.

މުސާރަ ބޮޑުކުރުމުގެ އިތުރުން ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ސިޔާސަތުގެ ތެރެއިން ސިވިލްސާވަންޓުންނަށް 1000 ފުލެޓް ޚާއްޞަ ކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމީ، މުސާރަ ބޮޑުނުކޮށްގެން ސިވިލް ސާވިސް މުވައްޒަފުން ޝަކުވާ ކުރަމުން ގެންދާތާ އެތައް ދުވަހެއް ފަހުންނެވެ. އެންމެފަހުން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ މީގެ އަށްއަހަރު ކުރިންނެވެ.

ސިވިލް ސާވިސްއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކުޑަވުމުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުންވެސް ޤަބޫލް ކުރެއެވެ.