ފާފު އެންމެ ސާފު ޕްރޮގުރާމްގެ ދަށުން މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް އަތޮޅުކައުންސިލުން ހިންގައިފި
ފާފު އެންމެ ސާފު ޕްރޮގުރާމްގެ ދަށުން ފ.އަތޮޅު ކައުންސިލުން އިސްނަގައިގެން ޕާލޭ މޯލްޑިވުސްއާއި ގުޅިގެން ކުނީގެ ގޮތުގައި އުކާލަމުން ގެންދާ ޕްލާސްޓިކުގެ ބާވަތްތަކުން އިންސާނުންނަށާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކަށް ފ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް 2018 ޖުލައި 02 އިން 05 އަށް ހުރިހާ ރަށެއްގައި ހިންގައިފިއެވެ.
ޕްލާސްޓިކުގެ ބާވަތްތަކުން އިންސާނުންނަށާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ތަކަށް ރައްޔިތުން ހޭލުން ތެރި ކުރުވައި ރައްކާތެރި ގޮތުގައި ޕްލާސްޓިކު ނައްތާލުމާ ގުޅޭގޮތުން ފ.އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް/ މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި ކުލަބު ޖަމްޢިއްޔާ/ ޖަމާޢަތްތަކާއި ކަމުވޮށިގެންވާ މީހުންނާއި މަސްވެރިންނާއި އޮޑިވެރިން ޝާމިލްވާ ގޮތަށް ހިންގި މިޕްރޮގުރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ޕާލޭ މޯލްޑިވްސްގެ ބޭފުޅުންނާއި، މިކަމުގެ ތަޖުރިބާ ލިބިފައި ތިއްބެވި ބޭފުޅުންނެވެ. މިޕްރޮގުރާމް އަތޮޅުގެ ރަށްރަށުގައި ހިންގުމުގައި ފ.ނިލަންދޫ ކައުންސިލާއި، ފ.ނިލަންދޫ ޕޮލިސްސްޓޭޝަންގެ އެހީތެރިކަން ލިބިފައި ވެއެވެ.
ފ.އަތޮޅު ކައުންސިލާއި ޕާލޭ މޯލްޑިވްސްއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފާފު އެންމެ ސާފު ޕްރޮގުރާމްގެ ދަށުން ފ.އަތޮޅުގެ ރަށްރަށުގައި އުކާލަމުން ގެންދާ ޕްލާސްޓިކުގެ ބާވަތްތައް ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ރަށްރަށުގެ އެކި ސަރަހައްދު ތަކުގައި ޖަންބޯގޯނި ބަހައްޓައި ގޯނިގޯނީގައި ހުންނަ ޕްލާސްޓިކު އަތޮޅު ކައުންސިލުން މެދުވެރިވެގެން ޕާލޭ މޯލްޑިވްސްއަށް ސަޕްލައި ކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ޕާލޭ މޯލްޑިވްސްއަށް ޕްލާސްޓިކު ސަޕްލައި ކުރުމަށް ރަށްރަށުގައި ބަހައްޓާފައިވާ ޖަންބޯ ގޯނިތައް ހަދިޔާ ކޮށްފައިވަނީ ޕާލޭ މޯލްޑިވްސް އިންނެވެ. ޕާލޭ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ރަށްރަށުން ޕްލާސްޓިކުގެ ބާވަތްތައް ސަޕްލައިކޮށް ރާއްޖެއިން ބޭރަށް ފޮނުވަމުން ގެންދާ ބައެކެވެ. މިއަތޮޅު ނިލަންދޫއަކީ ޕްލާސްޓިކުގެ ބާވަތްތައް ޕާލޭ މޯލްޑިވްސްއަށް މިހާރުވެސް ސަޕްލައި ކުރަމުން ގެންދާ ރަށެކެވެ.
ފ.އަތޮޅު ކައުންސިލްގެ އަމާޒަކީ ފ.އަތޮޅުގެ މީހުންއުޅޭ ރަށްރަށްރަށުން ކުނީގެ ގޮތުގައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކާއި، ފަޅުރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގަމުން ގެންދާ ޕްލާސްޓިކުގެ ބާވަތްތައް ނަގައި ސާފުކޮށް، ޕްލާސްޓިކަށް މީހުން ހޭލުންތެރި ކުރުވުމަށް ތަފާތު އެކިއެކި ޕްރޮގުރާމްތައް ޕާލޭ މޯލްޑިވްސްއާއި ގުޅިގެން ހިންގައި މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ރަށުކައުންސިލްތަކާއި ސްކޫލްތަކާ ގުޅިގެން ޕްލާސްޓިކުގެ ބާވަތްތަކުންނާއި ކުނިބުނީގެ ބާވަތްތަކުން ސާފު އަތޮޅަކަށް ހެދުމެވެ.