ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޓުރެފިކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
ފ.ނިލަންދޫ ޕޮލިސްޓޭޝަނުން އިސްނަންގަވައިގެން ކުށްމަދުކޮށް އަމާން ވެއްޓެއް ޤާއިމު ކުރުމަށްޓަކައި މީހުން ހޭލުންތެރި ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގުރާމް ތަކުގެ ތެރެއިން ޓުރެފިކު އެވެއާރނަސް ޕްރޮގުރާމްގެ ނަމުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް އެއްގަމު އުޅަނދު ދުއްވުމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
18 ޖުލައި 2018 ވަނަ ދުވަހު ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައި ބޭއްވި މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ ފ.ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފ.އަތޮޅު އެޑުމިން މުޙައްމަދު ފިކުރީއާއި ކޯޕްރަލް އަޙުމަދު އާދަމެވެ.
ފ.އަތޮޅު ކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ޝާމިލު ވާގޮތަށް ބޭއްވި މިބައްދަލުވުމުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ދުއްވުމުގެ މައްޗަށް ބާރުއަޅުއްވައި، އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކާއި، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވުމުން މުޖުތަމަޢަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ލިބެމުންދާ ގެއްލުންތަކާއި ކުރިމަތި ވަމުންދާ ހިތާމަވެރި ޙާދިސާ ތަކާބެހޭ ގޮތުން މަޢުލޫމާތު ދެއްވައި އުޅަނދު ދުއްވުމާބެހޭ ގޮތުން މުވައްޒަފުން ސާފުކުރުމަށް ބޭނުންވި ކަންތައް ސާފުކޮށް ދެއްވިއެވެ. އަދި އުޅަނދު ފަހަރު ދުއްވުމުގައި ޤަވާޢިދާ ޚިލާފަށް ޢަމަލު ކުރަމުން ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަމުން ގެންދާ ގޮތްތަކާއި ފުލުހުންގެ ދައުރާބެހޭ ގޮތުންވެސް މަޢުލޫމާތު ދެއްވިއެވެ.
ފ.ނިލަންދޫ ޕޮލިސްސްޓޭޝަނުން މީގެކުރިން މިފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދަނީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ނަމަވެސް މިފަހަރުގެ މިޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވަނީ މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ކަމަށާއި، ތަފާތު އެކިބައިތަކުގެ ތެރެއިން މަޢުލޫމާތު ދެމުން ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، މިބައްދަލުވުމަކީ މިޕްރޮގުރާމްގެ ތެރެއިން ބޭއްވި ފުރަތަމަ ބައްދަލުވުން ކަމުގައިވެސް ފ.ނިލަންދޫ ޕޮލިސްސްޓޭޝަނުން މަޢުލޫމާތު ދެއްވިއެވެ.
ފ.ނިލަންދޫ ޕޮލިސްސްޓޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި މިބައްދަލުވުމުގައި އެސްޓޭޝަންގެ ފަރާތުން ބައިވެރިވެ ވަޑަގަތީ؛
01- ސްޓޭޝަން އިންޗާޖު އަޙުމަދު ޝަފީޢު
02- އިންވެސްޓިގެޝަން އޮފިސަރ މުޙައްމަދު ޝާކިރު
03- ފ.އަތޮޅު އެޑުމިން މުޙައްމަދު ފިކުރީ
04- ކޯޕްރަލް އަޙުމަދު އާދަމް