ކަނޑު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާ ގޮތަށް ފ.އަތޮޅުކައުންސިލުން ހަމަޖައްސަވައިފި
މޯލްޑިވްސް ޓުރާންސްޕޯޓު އޮތޯރިޓީން އަލަށް ހަމަޖެއްސެވި ޤަވާޢިދުގެ ދަށުން ޝަރުޠު ފުރިހަމަވާ އެގްޒަމިނަރުން ނެތުމުން ފ.އަތޮޅު ކައުންސިލުން ކުރިން ދޫކުރަމުން ގެންދިޔަ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން 01 ޖަނަވަރީ 2018 އިން ފެށިގެން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދުން ފެށިގެން ލައިސަންސް ދޫކުރަމުން ގެންދާގޮތަށް ފ.އަތޮޅު ކައުންސިލުން ހަމަޖައްސަވައިފިއެވެ.
ލައިސަންސް ދޫކުރަމުން ގެންދާނީ ޓުރާންސްޕޯރޓު އޮތޯރީން ހަމަޖައްސަވާފައިވާ އުޞުލާ އެއްގޮތަށް ކަމަށާއި، އަލަށް ހަމަޖެއްސެވި ޤަވާޢިދުގެ ދަށުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާނީ ނިޔަމިކަމުގެ ސެޓުފިކެޓު އޮންނަ ފަރާތްތަކަށް ކަމުގައި އަތޮޅު ކައުންސިލުން ބުނެއެވެ.
ޝަރުޠުހަމަވާ އެގްޒަމިނަރެއް ނެތުމުން ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ލައިސަންސް ދޫކުރެވޭނެ ގޮތެއް ނެތުމުން ފ.އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވަމުންދާތީ، ޝަރުޠުހަމަވާ އެގްޒަމިނަރުން ހޯދުމަށް އިޢުލާނު ކޮށްގެން އެކަމަށް ކުރުމަތިލާނެ ފަރާތެއް ނުވުމުން ފ.އަތޮޅުކައުންސިލާއި މޯލްޑިވްސް ޓުރާންސްޕޯޓު އޮތޯރިޓީއާއި މަޝްވަރާ ކުރުމަށްފަހު އިތުރު އެހެން ގޮތެއް ނެތުމުން އަތޮޅުރައްޔިތުންނަށް މިޚިދުމަތް ދިނުމަށްޓަކައި މިއިދާރާގެ މުވައްޒަފަކުވަނީ އެގްޒަމިނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
ކަނޑުގެ ލައިސަންސް ދޫކުރުމަށް ހުއްދަދެއްވި އެގްޒަމިނަރަށް ދޫކުރެވޭގޮތަށް މޯލްޑިވްސް ޓުރާންސްޕޯރޓު އޮތޯރިޓީން ހަމަޖައްސަވާފައިވަނީ A B C އަދި G ގެ ކެޓަގަރީ ތަކުގެ ލައިސަންސް ތަކެވެ.
A ކެޓަރީގައި ހިމެނެނީ ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރަށްވުރެ ދަށް އުޅަނދު ފަހަރެވެ.
B ކެޓަރގަރީގައި ހިމެނެނީ ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރަށްވުރެ މަތީ އުޅަނދު ފަހަރެވެ.
C ކެޓަގަރީގައި ހިމެނެނީ 12 މޭލަށްވުރެ މަޑުން ދުއްވާ އުޅަނދު ފަހަރެވެ.
G ކެޓަގަރީގައި ހިމެނެނީ މަސްވެރިކަމުގެ އުޅަނދު ފަހަރެވެ.
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން ގިނަދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މިޚިދުމަތް ފ.އަތޮޅު ރައްޔިތުންނަށް ލިބޭގޮތަށް މަގުފަހިވެގެންދިޔަ ގޮތާބެހޭ ގޮތުން ފ.އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބުދުއްރަޙުމާނު ވިދާޅުވީ، މި ޚިދުމަތް އަލުން ދޭން ފެށިފައިވަނީ އަތޮޅުކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންކަމަށާއި، މިކަމަކީ ފ.އަތޮޅު ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިފަސޭހައެއް ކަމަށެވެ.