ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ފ.އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފި

23 އޮކްޓޯބަރ 2018


ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް އަލަށް ހަމަޖެއްސެވި ޗީފް އިނިސްޕެކްޓަރ އަލްފާޟިލް އިބުރާހީމް ޝަރީފު ފ.އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރުންއޮތީ ފ.އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި 22 އޮކްޓޯބަރ 2018 ގައެވެ. މިބައްދަލު ކުރެއްވުމުގައި ފ.އަތޮޅު ކައުންސިލް މެންބަރުންގެ އިތުރުން ކައުންސިލް އިދާރާގެ ވެރިންވެސް ބައިވެރިވިއެވެ.

މިބައްދަލުވުމުގައި ޗީފް އިނިސްޕެކްޓަރ އަލްފާޟިލް އިބްރާހީމް ޝަރީފާއި، ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ފ.އަތޮޅުކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙުމޫދު އަޙުމަދާއި ބައެއްވެރިން އެކިކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ޗީފު އިނިސްޕެކްޓަރ އިބުރާހީމް ޝަރީފު ދެއްކެވި ވާހަކަ ފުޅުގައި، ސެންޓްރަލް ޕޮލިސް ޑިވިޜަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފ.އަތޮޅު ކައުންސިލާއި، ކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންގެ އެހީތެރިކަމާ އެއްބާރުން ބޭނުންވާ ކަމަށާއި، ފ.އަތޮޅުގައި އާމާން ވެއްޓެއް ޤާއިމުކޮށް ކުށްމަދުކުރުމަށް ޕޮލިހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ފ.އަތޮޅު ކައުންސިލްގެ އެއްބާރުން ދެއްވުމަށާއި، ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން ޕޮލިހުން ކޮށްދެއްވެންހުރި ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.


ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރުޒާހިރާއި، ފ.އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙުމޫދު އަޙުމަދު ދެއްކެވި ވާހަކަ ފުޅުގައި އެކިއެކި ކުށްތައްކުރުން ޢާންމުވަމުންދާ ކަމަށާއި، ޕޮލިހުން ރަށްރަށަށް ދަތުރު ކުރައްވައި ކުށްމަދު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި، މީހުން ހޭލުންތެރި ކުރުވުމަށް ކޮށްދެއްވެންހުރި މަސައްކަތްތައް ކޮށްދެއްވުމަށާއި، ފ.އަތޮޅު ކައުންސިލުން ދެވެންހުރި އެހީތެރިކަމާ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިއަތޮޅު ބިލެއްދޫގައި ޕޮލިހުންގެ ޚިދުމަށް ޤާއިމު ކުރުމަށް އެރަށުގެ ރައްޔިތުން ޢިމާރާތެއް ހަދާފައިވާތީ، އެރަށުގައި ޕޮލިހުންގެ ޚިދުމަތް ފެށުމާބެހޭގޮތުންވެސް މިބައްދަލުވުމުގައި ވާހަކަ ދެއްކެވިއެވެ. ބިލެއްދޫގައި ޕޮލިހުންގެ ޚިދުމަށް ފެއްޓުމަށް ކުރެވެންހުރި މަސައްކަތްތައް ވަރަށްބާރު ސްޕީޑެއްގައި ކުރިއަށްދާކަމުގައި ޕޮލިހުންގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.