ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފިނިހިޔާ ޢިމާރާތަށް ބަދަލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

31 އޮކްޓޯބަރ 2018


ފިނިހިޔާ ޢިމާރާތުގެ އެއްބަސްވުން ޙަވާލު ކުރަނީ

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތަށް ބަދަލުކޮށް އެޢިމާރާތުގައި ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު (31 އޮކްޓޯބަރ 2018 ވީ ބުދަދުވަހު) ފ.އަތޮޅު ކައުންސިލްގެ އިދަރާގައި ބޭއްވި ރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ. ފ.ނިލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ވިދާޅުވީ ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފ.ނިލަންދޫ ކައުންސިލްގެ ޢިމާރާތަށް ބަދަލު ކުރުމަކީ ނިލަންދޫ ރައްޔިތުންނަށާއި، ފ.އަތޮޅުސްޓޯރުގެ ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބެމުންދާނެ ކަމެއް ކަމަށާއި، ދެފަރާތުންވެސް އެއްބަސް ވުމަށް އިޙުތިރާމް ކުރުމަށާއި، މީގެކުރިންވެސް އެޢިމާރާތުގައި ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ކުރަމުން ގެންދިޔައިރު ސްޓޯރުގެ ވިޔަފާރިއަށް ބޮޑަތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.


ފިނިހިޔާ ޢިމާރާތުގެ އެއްބަސްވުމުގައި ދެކައުންސިލުން ސޮއިކުރަނީ

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލު ވިދާޅުވީ ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތުގައި ކުރަމުން ގެންދިޔަ ނިލަންދޫ ރައްޔިތުންގެ ރީޓެއިލް ވިޔަފާރި ހުއްޓާލާފައިވާ ވަގުތެއްގައި ފ.އަތޮޅުސްޓޯރުގެ ފިޔަފާރި އެޢިމާރާތަށް ބަދަލުކުރުމާއި، އަދި އެފިހާރައިގައި ނުވިކިހުރި ގިނަޢަދަދެއްގެ މުދާ ފ.އަތޮޅުސްޓޯރުގެ ވިޔަފާރިއަށް ނަންގަވާގޮތަށް ފ.އަތޮޅު ކައުންސިލުން ނިންމެވި ނިންމެވުމަކީ ފ.ނިލަންދޫ ރައްޔިތުންނާ ދޭތެރޭ އަތޮޅުކައުންސިލުން ވިސްނަވައި ނިލަންދޫ ރައްޔިތުންނަށް ފައިދާވާގޮތަށް ކުރައްވާފައިވާ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ފ.އަތޮޅުސްޓޯރުގެ ވިޔަފާރިއަށް ހެޔޮބަދަލުތައް އަންނާނެ ކަމަށެވެ. އަދި މިފަދަ ބޮޑުކަމެއް ނިލަންދޫ ރައްޔިތުންނަށް ކޮށްދެއްވާފައިވާތީ، އެކަމަށްޓަކައި ފ.އަތޮޅު ކައުންސިލަށާއި، ކައުންސިލް އިދާރާގެ ވެރިންނަށް ރައީސް މުޙައްމަދު ޖަލީލު ޝުކުރު އަދާކުރެއްވިއެވެ.

ފ.އަތޮޅު ސްޓޯރުގެ ވިޔަފާރި ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތުގައި ހިންގުމަށް ފ.އަތޮޅުކައުންސިލާއި، ފ.ނިލަންދޫ ކައުންސިލާ ދެމެދު އެއްބަސް ވެވިފައިވަނީ 01 ނޮވެންބަރ 2018 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

މިރަސްމިއްޔާތުގައި ފ.އަތޮޅުކައުންސިލަރުންނާއި، ފ.އަތޮޅުކައުންސިލްގެ އިދާރީ ވެރިންނާއި، ފ.ނިލަންދޫ ކައުންސިލަރުންނާއި، ފ.ނިލަންދޫ ކައުންސިލް އިދާރާގެ ޑިރެކްޓަރ (ޒިންމާދާރު ވެރިޔާ) ބައިވެރިވެ ވަޑައިގަތެވެ.