ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

09 ނޮވެންބަރ 2018


1440 ވަނައަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 6.00 ގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ފ. އަތޮޅުކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙުމޫދު އަޙުމަދެވެ.

މިރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާންކިޔަވައި ދެއްވީ ފ.އަތޮޅު ކައުންސިލް އިދާރާގެ އިކޮނަމިކު ޑިވެލޮޕްމެންޓް އޮފިސަރ އަލްފާޟިލާ ޖަމީލާ އަޙުމަދެވެ. ރަސްމިއްޔާތު ތަޢާރަފުކޮށް، ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ފ.އަތޮޅު ކައުންސިލް އިދާރާގެ އެޑުމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޢާއިޝަތު ޔުމްނާއެވެ.

ޤައުމީ ދުވަހުގެދިދަ ނަންގަވައި ދެއްވުމުގެ ކުރިން ޤައުމީ ދުވަހާބެހޭ ގޮތުން ޝަރަފުވެރި މެހުމާން ފ.އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލާފާޟިލް މަޙުމޫދު އަޙުމަދު ވާހަކަފުޅު ދެއްކެވިއެވެ. މަޙުމޫދު އަޙުމަދު ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ޤައުމީ ދުވަހަކީ ދިވެހިންގެ ވަރަށް ފަޚުރުވެރި ދުވަހެއް ކަމަށާއި، ކޮންމެ ދިވެއްސެއްގެ އަމާޒަކަށް ވާންވާނީ މި ފަޚުވެރި ދުވަސް ބީވެގެން ދިޔަނުދިނުމަށް މަސައްކަތް ކުރުން ކަމަށާއި، އަޅުވެތި ކަމުގެ ހިތިރަހަ އަޅުގަނޑު މެންގެ ކާބަފައިން ދެކެފައިވާ ކަމަށެވެ.


މިހާރަކަށްއައިސް ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ރޫޙު ކުޑަވަމުންދާ ކަމަށް ފާހަގަ ކުރެވޭކަމަށް ވިދާޅުވެ ހުރިހާ ފަރާތްތަކުންވެސް ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްތައް ކުރުމަށާއި، ރީތީ އާދަކާދަ ތަކުގައި ހިފުމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ދާއިރާ ތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. ރަސްމިއްޔާތު ނިންމީ ޤައުމީ ސަލާމުންނެވެ.