"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު ދަރަނބޫދޫ ސާފުކުރުމުގެ މަސައްކަތް ކޮށްފި

04 ޑިސެންބަރ 2018


ފ.އަތޮޅުގެ ރަށްރަށް ސާފުކުރުމަށް ފ.އަތޮޅުކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު ދަރަނބޫދޫ ސާފުކުރުމަށް އަތޮޅު ކައުންސިލްގެ މުވައްޒަފުން ދަރަނބޫދޫއަށްގޮސް ދަރަނބޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ. ދަރަނބޫދޫގެ ވަށައިގެންވާ ގޮނޑުދޮށް ސާފުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން ޖަންބޯ ގޯނީގެ 06 ގޯނި ޕްލާސްޓިކު ދަރަނބޫދޫ ގޮނޑުދޮށުން ނެގިފައި ވެއެވެ.

ދަރަނބޫދޫ ސާފުކުރުމަށް އަތޮޅު ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުގައި އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އެހީތެރި ވުމުގެ ގޮތުން ފ.ދަރަނބޫދޫ ކައުންސިލްގެ މުވައްޒަފުންނާއި އެރަށުގެ ޢާންމު ބައެއް ފަރާތްތަކުން އަދި ދަރަނބޫދޫ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 54 މީހުން ބައިވެރި ވެފައި ވެއެވެ.

މިމަސައްކަތަކީ މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށްރަށާއި ފަޅުރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގަމުން ގެންދާ ޕްލާސްޓިކުގެ ބާވަތްތައް ނަގައި ސާފުކޮށް، ޕްލާސްޓިކުގެ ސަބަބުން އިންސާނުންނަށާއި ދިރޭތަކެއްޗަށް ލިބޭގެއްލުންތަކާއި އަދި ރައްކާތެރި ގޮތުގައި ޕްލާސްޓިކު ނައްތާލުމަށް މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވައި ހުރިހާ ރަށެއްގައިވެސް ޕްލާސްޓިކުން ސާފުވެފައިވާ ތިމާވެއްޓެއް ބޭއްވުމަށް އަތޮޅުކައުންސިލުން އިސްނަގައިގެން މުޅިއަތޮޅުގައި ކުރިއަށް ގެންދާ ކެންޕެއިން ޕްރޮގުރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިޕްރޮގުރާމަކީ މީގެ 03 އަހަރު ކުރިން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ރަށްރަށުގައި ހުންނަ ޕްލާސްޓިކްގެ ބާވަތްތައްނަގައި ސާފު ކުރުމަށް އަތޮޅުކައުންސިލުން މިއަހަރު ކުރިއަށް ގެންދާ މިމަސައްކަތަކީ ޕާލޭ މޯލްޑިވްސްއާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިގޮތުން މިމަސައްކަތަށް އެހީތެރި ވުމުގެ ގޮތުން ޖަންބޯ އެންމެ ބޮޑަތި ގޯނީގެ 15 ގޯންޏާއި 150 ކުދިގޯނި (ނެޓު ބޭގްސް) ޕާލޭ މޯލްޑިވްސް އިން ހަދިޔާ ކޮށްފައި ވެއެވެ. ޕާލޭ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ރަށްރަށުން ޕްލާސްޓިކުގެ ބާވަތްތައް ސަޕްލައިކޮށް ރާއްޖެއިން ބޭރަށް ފޮނުވަމުން ގެންދާ ޖަމާޢަތެކެވެ.

ދަރަނބޫދޫ ސާފުކުރުމަށް އަތޮޅުކައުންސިލުން ދަރަނބޫދޫއަށްކުރި ދަތުރުގައި ދަރަނބޫދޫ ކައުންސިލާއި، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިފައި ވެއެވެ.