"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު މަގޫދޫ ސާފުކުރުމުގެ މަސައްކަތް ކޮށްފި

05 ޑިސެންބަރ 2018


ފ.އަތޮޅުގެ ރަށްރަށް ސާފުކުރުމަށް ފ.އަތޮޅުކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު މަގޫދޫ ސާފުކުރުމަށް އަތޮޅު ކައުންސިލްގެ މުވައްޒަފުން މަގޫދޫއަށްގޮސް މަގޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި މަގޫދޫގެ ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ.

މަގޫދޫގެ ގޮނޑުދޮށް ސާފުކުރުމުގެ އިތުރުން ރަށުތެރޭގައިހުރި ޕްލާސްޓިކުގެ ބާވަތްތައްވެސް ނަގައި ސާފުކުރިއެވެ. މަގޫދޫ ސާފުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން ޖަންބޯ ގޯނީގެ 08 ގޯނި ޕްލާސްޓިކު މަގޫދޫން ނެގިފައި ވެއެވެ.

މަގޫދޫ ސާފުކުރުމަށް އަތޮޅުކައުންސިލުން ކުރިއަށް ގެންދިޔަ މަސައްކަތުގައި އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އެހީތެރި ވުމުގެ ގޮތުން މަގޫދޫ ކައުންސިލްގެ މުވައްޒަފުންނާއި، މަގޫދޫގައިހުރި އެކިދާއިރާތަކުގެ މުވައްޒަފުންނާއި އެރަށުގެ ޢާންމު ބައެއް ފަރާތްތަކުންނާއި މަގޫދޫ ސްކޫލްގެ ބައެއް ދަރިވަރުންވެސް މިމަސައްކަތުގައި ބައިވެރި ވެފައި ވެއެވެ. މީގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ބައެއް މުވައްޒަފުންވެސް މިއަދުގެ މަސައްކަތުގައި ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 95 މީހުން ބައިވެރި ވެފައި ވެއެވެ.

މިމަސައްކަތަކީ މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށްރަށާއި ފަޅުރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގަމުން ގެންދާ ޕްލާސްޓިކުގެ ބާވަތްތައް ނަގައި ސާފުކޮށް، ޕްލާސްޓިކުގެ ސަބަބުން އިންސާނުންނަށާއި ދިރޭތަކެއްޗަށް ލިބޭގެއްލުންތަކާއި އަދި ރައްކާތެރި ގޮތުގައި ޕްލާސްޓިކު ނައްތާލުމަށް މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވައި ހުރިހާ ރަށެއްގައިވެސް ޕްލާސްޓިކުން ސާފުވެފައިވާ ތިމާވެއްޓެއް ބޭއްވުމަށް އަތޮޅުކައުންސިލުން އިސްނަގައިގެން މުޅިއަތޮޅުގައި ކުރިއަށް ގެންދާ ކެންޕެއިން ޕްރޮގުރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިޕްރޮގުރާމަކީ މީގެ 03 އަހަރު ކުރިން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މަގޫދޫ ސާފުކުރުމަށް އަތޮޅުކައުންސިލުން މަގޫދޫއަށްކުރި ދަތުރުގައި މަގޫދޫ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށްބޮޑަށް ލިބިފައި ވެއެވެ.