ފ.އަތޮޅު ކައުންސިލްގެ ރެކްރިއޭޝަން ކުލަބުން އަދަބީ ފޯވަހީގެ ނަމުގައި މުބާރާތެއް ބާއްވައިފި

10 ޑިސެންބަރ 2018


ފ.އަތޮޅު ކައުންސިލްގެ ރެކްރިއޭޝަން ކުލަބު "އެއްބައިވަންތަ ކަމުގެ ރޫޙު" ގެ ފަރާތުން އިންތިޒާމް ކޮށްގެން ފޭސަ އަދަބީ ފޯވަހި 2018 ގެ ނަމުގައި އަދަބީ މުބާރާތެއް 09 ޑިސެންބަރ 2018 ގައި ބާއްވައިފިއެވެ.

މިމުބާރާތުގައި ކުރިއަށް ގެންދިޔައީ ބައިތު ބާޒީއާއި، އަދަބީ ކުއިޒާއި، މަދަޙަ ކިއުމެވެ.

މިއަތޮޅު ނިލަންދޫގެ 18 އަހަރުންމަތީގެ ދެޖިންސުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި 04 ޓީމަކުން ބައިވެރި ވެފައި ވެއެވެ. އެއީ، ނިލަންދިއަންސް، ޖަވާހިރު، ޖަވާހިރު ވެޓަރެންސް އަދި އާސާރީއެވެ.

މިމުބާރާތް މިފަހަރު ބޭއްވީ ނިލަންދޫގައި ކަމުގައިވިއަސް ކުރިއަށް އޮތްތަނުގައި ރަށުކައުންސިލްތަކާ ގުޅިގެން އަތޮޅުގެ އެހެން ރަށްރަށުގައިވެސް މިފަދަ އަދަބީ މުބާރާތްތައް ބޭއްވުމަށް އަތޮޅުކައުންސިލުން ޚިޔާލު ކުރެއެވެ.


މިމުބާރާތުގެ ޝަރަފްވެރި މެހުމާނަކީ ޖަމާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލާ ލަޠީފާ އަޙުމަދެވެ. މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު އަލްފާޟިލާ ލަޠީފާ އަޙުމަދު ވިދާޅުވީ، އަތޮޅުގެ ރަށްރަށުގެ އަދަބީ ކަންތައްތައް ކުރިއެރުވުމަށް އަތޮޅުކައުންސިލުން އިސް ނަގައިގެން ބާއްވާ މިފަދަ މުބާރާތްތަކުން އެކިއެކި ކުރިއެރުންތައް އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާމެދު އޮންނަ ގުޅުންތައްވެސް ރަގަނޅު ވެގެންދާނެ ކަމަށެވެ.

މިމުބާރާތުގައި ވަނަވަނައަށްދިޔަ ފަރާތްތަކަށް އިނާމާއި ސެޓުފިކެޓު ބައްސަވައި ދެއްވީ ޖަމާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލާ ލަޠީފާ އަޙުމަދާއި، ފ.އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙުމޫދު އަޙުމަދާއި، ފ.އަތޮޅު ކައުންސިލް މެންބަރ އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދާއި، ކުލަބުގެ ރައީސް އަލްފާޟިލް އިބުރާހީމް މޫސާއެވެ.

ބައިތުބާޒީ

1 ވަނަ ޓީމު ޖަވާހިރު

2 ވަނަ ޓީމު ޖަވާހިރު ވެޓަރެންސް

3 ވަނަ ޓީމު އާސަރީ

އެންމެ މޮޅު ބައިތު ކިޔުންތެރިޔާ ޙަލީމާ ޢަބްދުއްރަޙްމާން (ޖަވާހިރު ޓީމު)

އެންމެ ގިނަ ބައިތު ކިޔުންތެރިޔާ ޙަލީމާ ޢަބްދުއްރަޙްމާން (ޖަވާހިރު ޓީމު)


އަދަބީ ކުއިޒު

1 ވަނަ ޓީމް ނިލަންދިއަންސް

2 ވަނަ ޓީމް ޖަވާހިރު

3 ވަނަ ޓީމް އާސަރީ

އެންމެ މޮޅު ބައިވެރިޔާ ޒީނަތު އިސްމާޢީލް (ނިލަންދިއަންސް ޓީމު)

މަދަޙަކިއުން

ގުރޫޕް މަދަޙަ ކިއުމުން 1 ވަނަ ޖަވާހިރު ޓީމު

ގުރޫޕް މަދަޙަ ކިއުމުން 2 ވަނަ ނިލަންދިއަންސް ޓީމު

ވަކި މަދަޙަ ކިއުމުން 1 ވަނަ ރަޝީދާ ޢުމަރު (ނިލަންދިއަންސް ޓީމު)

ވަކި މަދަޙަ ކިއުމުން 2 ވަނަ އިސްމާޢީލް ޢަބްދުއްރަޙްމާން (ނިލަންދިއަންސް ޓީމު)

ވަކި މަދަޙަ ކިއުމުން 3 ވަނަ ޢަޒީޒާ އިބްރާހީމް (ނިލަންދިއަންސް ޓީމު)

މަދަޙަ މުބާރާތުގެ 2 ބައިން އެއްކޮށް 1 ވަނަޓީމު (ނިލަންދިއަންސް ޓީމު)

މަދަޙަ މުބާރާތުގެ 2 ބައިން އެއްކޮށް 2 ވަނަޓީމު (ޖަވާހިރު ޓީމު)