ސިވިލްސާވިސްގެ އެންމެ ދަށްފަންތީގެ މުވައްޒަފުންގެ މުސާރަ 37 ޕަސެންޓަށް ބޮޑުކުރަނީ
ސިވިލް ސާވިސްގެ އެންމެ ދަށްފަންތީގެ މުވައްޒަފުންގެ މުސާރަ %37 އަށް ބޮޑުވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް 04 އަހަރު ފުރުން ފާހަގަ ކުރުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަފުޅު ދައްކަވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ދެވަނަ ގިންތީގެ ސިވިލް ސާވިސް މުވައްޒަފުންގެ %25 ބޮޑުކުރާނެ ކަމަށާއި، ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ ދެބައިގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ސިވިލް ސާވިސްގެ އެންމެ މުހިންމު ދާއިރާތައް ކަމަށްވާ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކޮށްދީފައިވާ ކަމަށެވެ. އަދި މުސާރައިގެ އިތުރުން ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ސިޔާސަތުގެ ދަށުން ގެދޮރު ލިބޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ދީފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ސިވިލް ސާވިސްގެ ކޮންމެ ތިންމުވައްޒަފަކުން ދެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށާއި، ސިވިލް ސާވިސް ކޮމިޝަނާއި، ފިނޭންސް މިނިސްޓްރީން ގިންތިތައް ކަނޑައެޅުމަށްފަހު، އަންނަ އަހަރުގެ ކުރީކޮޅު މުސާރަ ބޮޑުކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.9 މިލިއަން ރުފިޔާގެ ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ވަނީ 234 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.