އިޖުތިމާޢީ މަސައްކަތް ކުރުމަށް ރަށުކައުންސިލަތަކަށް ދޭ ފައިސާގެ ފަހުމުނާމާގައި ސޮއިކޮށްފި

24 ފެބުރުވަރީ 2019


މާލޭގައިހުރި ފ.އަތޮޅު ފިހާރައިގެ ކުއްޔަށް ލިބިފައިހުރި ފައިސާގެ ތެރެއިން ފީއަލި، ބިލެއްދޫ މަގޫދޫ އަދި ނިލަންދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަށާއި، ދަރަނބޫދޫ އިންޑޯ ހޯލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ކޮންމެ ރަށަކަށް އަތޮޅުކައުންސިލުން ދޫކުރާ -/150,000 ރުފިޔާގެ ފަހުމުނާމާގައި އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކުރުމަށް ފ.އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ. ފީއަލީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލެވެ. ބިލެއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލްފާޟިލް އިޙުސާނެވެ. މަގޫދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލްފާޟިލް ޢަބުދުﷲ ވަޙީދެވެ. ދަރަނބޫދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަލްފާޟިލް މުޙައްމަދު ޖަލީލެވެ.

މިރަސްމިއްޔާތުގައި ފ.އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އަތޮޅުކައުންސިލަށް އާމްދަނީލިބޭ މިންވަރަކުން ރަށްރަށުގައި އިޖުތިމާޢީ މަސައްކަތްތައް ކުރުމަށް އެހީތެރިވެ ދެއްވާނެ ކަމަށާއި، ރަށްރަށުގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާތަކަށް ދިމާވާ ދަތިތައް ޙައްލު ކޮށްދިނުމުގައިވެސް އާމްދަނީލިބޭ މިންވަރަކުން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ހޯދަންޖެހޭ ތަކެތި ވީހައަވަކަށް ހޯއްދަވައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ލިބޭނެގޮތް ހައްދަވައި ދެއްވުމަށް ރަށުކައުންސިލް ތަކުގެ ރައީސުންގެ ކިބައިން އެދިވަޑައިގަތެވެ.

މިރަސްމިއްޔާތުގައި އަތޮޅުކައުންސިލަރުންނާއި ކައުންސިލްގެ އިދާރީ ވެރިންގެ އިތުރުން ރަށުކައުންސިލް ތަކުގެ ރައީސުން ބައިވެރިވެ ވަޑައިގަތެވެ.