ފ.އަތޮޅުގެ ކޮންމެ ރަށުކައުންސިލަކަށް ރަށުޕިކަޕެއް ހޯދައި ދިނުމަށް އަތޮޅުކައުންސިލުން ނިންމަވައިފި

27 ފެބުރުވަރީ 2019


ނިލަންދެއަތޮޅު އުތުރުބުރީގެ ކޮންމެ ރަށުކައުންސިލަކަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ރަށުޕިކަޕެއް ހޯދައި ދިނުމަށް މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ މިއަހަރުގެ 06 ވަނަ ޖަލްސާއިން ނިންމަވައިފިއެވެ.

ރަށުކައުންސިލްތަކަށް ރަށުޕިކަޕެއް ހޯދައިދެނީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެސާފު" ޕްރޮގުރާމްގެ ޙަރަކާތްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ފަސޭހަ ކުރުމުގެ ގޮތުންނާއި، ރަށުކައުންސިލް ތަކުން ކުރަންޖެހޭ އެކިއެކި ކަންކަން ކުރުމުގައިވެސް އެދަފަ ވެހިކަލެއް އޮތުމުން ވަރަށްބޮޑު ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ފެންނާތީއެވެ.

"ފާފު އެންމެސާފު" ޕްރޮގުރާމްގެ ދަށުން ރަށުކައުންސިލްތަކަށް ދިނުމަށް ނިންމެވި ރަށުޕިކަޕުގެ އިތުރުން ރަށްރަށުގެ އެކި ސަރަޙައްދު ތަކުގައި ބެހެއްޓުމަށް ބޮޑަތި ޑަސްބިން މިއަހަރުގެ ތެރޭގައި ރަށްރަށަށް ދޫކުރާގޮތަށްވަނީ ނިމިފައެވެ. މިޕްރޮގުރާމްގެ ދަށުން މީގެކުރިން 20 ޑަސްބިން މިއަތޮޅު ބިލެއްދުއަށް ފޮނުވިފައި ވެއެވެ.